"ކެންގަރޫ ކިޑްސްގެ ވޯލްޑް ފެސްޓް 2016" ގެ ނަމުގައި ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށްޓަކައި، ޤައުމުތަކުގެ ސަގާފަތް ދައްކުވައިދޭގޮތަށް ކެންގަރޫ ކިޑްސްއިން ފެސްޓިވަލެއް ބާއްވައިފިއެވެ.
ކެންގަރޫ ކިޑްސްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދުނިޔޭގެ ޤައުމުތަކުގެ މަޢުލޫމާތު ދިނުމަށް ބޭއްވި މި ފެސްޓިވަލުގައި އެކި ޤައުމުތަކާބެހޭ މަޢުލޫމާތާއި ޘަޤާފަތު ދަސްކޮށްދިނުމަށް ތަފާތު ޙަރަކާތްތައް ހިންގާފައިވެއެވެ. އެގޮތުން ކޮންމެ ޤައުމަކާގުޅޭ ސްޓޯލެއް ހަދައި، އެޤައުމުތަކުގެ މައުލޫމާތާއި ޘަޤާފަތާއި އަދި ބައެއް ތަންތަން ރަމްޒުކޮށްދޭ ގޮތަށް އެއްޗެހި ބަހައްޓާފައިވެއެވެ.
img:http://s3.psmnews.mv/images/660x400/14704940688077.jpg|ކެންގަރޫ ކިޑްސްގެ ވޯލްޑް ފެސްޓްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
އެކި ޤައުމުތަކުގައި ހެދުންއަޅާގޮތާއި ބައެއް ނެށުންތައްވެސް މި ފެސްޓިވަލުގައި ދައްކާލާފައިވެއެވެ. އެގޮތުން އެމެރިކާ، ކެންޔާ، މިޞްރު، ޗައިނާ، އިންޑިއާ، ސަޢޫދިޢަރަބިއްޔާ، ދިވެހިރާއްޖެ، މެކްސިކޯ، އިޓަލީ، ފްރާންސް، ޖަޕާން އަދި ޔޫކޭގެ ފޭރާމާއި ބައެއް ލަވަތައް ފެނިގެންގޮސްފައިވެއެވެ.
ކެންގަރޫ ކިޑްސްގައި ބައެއް ފިލާވަޅުތައް ކުރިޔަށް ގެންދާއިރު ކުދިން ޝައުޤުވެރިވާ ގޮތަކަށް މިފަދަ ޙަރަކާތްތައް ކުރިޔަށްގެންދާކަން ފާހަގަކޮށްލެވެއެވެ. ބިލަބޮންގް ކެންގަރޫ ކިޑްސްއަކީ އިންޓަރނޭޝަނަލް ޕްރީ ސްކޫލެކެވެ.