ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ އަތުލާގަނެފައިވާ މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، 32 އަހަރުގެ މުޙައްމަދު ފަވާޒު ލުޠުފީއާއި، މއ. ޔެލޯޑައިމަންޑް، 33 އަހަރުގެ އާމިނަތު ފައިނާޒްކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންކަމަށެވެ. އަދި އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.
އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ.
ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިhttps://t.co/YBnKCnzhwu pic.twitter.com/Y2yLWxaVPx
— Maldives Police (@PoliceMv) August 3, 2025
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ލުޠުފީ ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.