ޕާލިމަންޓް ސްޕީކަރުންގެ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، 6 ވަނަ މަޖިލިސް ސްޕީކަރުން ނުވަތަ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންފައިވާކަމަށެވެ. މި ކޮންފަރެންސް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށެވެ.
ވޯލްޑް ކޮންފަރެންސް ފޯރ ސްޕީކަރޒް އޮފް ޕަރލިމެންޓަކީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަން، އައިޕީޔޫއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ބައިނަލްއަޤްވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ދުނިޔޭގެ ވެރިކަމުގެ ބަރުލަމާނީ ޑިމޭންޝަންސްތައް ބައްޓަންކޮށް ހަރުދަނާ ކުރުމަށް ކެޓަލައިޒާތަކެއްގެ ގޮތުގައި ޚިދުމަތްކޮށް، ބައިނަލްއަޤްވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދޭނެ ކޮންފަރެންސެކެވެ.
މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްޙައާއި، އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން" މިއެވެ.
މި ކޮންފަރެންސްގައި މަޝްވަރާކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ޕާލިމެންޓްގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން، ސުލްޙައަށް އީޖާދީ ގޮތްތައް ހޯދުން، 2030 ވަނަ އަހަރާ ހަމައަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުން، ޑިޖިޓަލް މުސްތަޤްބަލެއް އެކުލަވާލުން، އަދި ނާޒުކު ޙާލަތުގައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުން ހިމެނެއެވެ.
މި ފަހަރުގެ ކޮންފަރެންސަށް ތައްޔާރުވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 ސްޕީކަރުން ހިމެނޭ ކޮމިޓީއަކުން 2 އަހަރު ދުވަހަސްވަންދެން ތައްޔާރީތައް ވަނީ ކުރިއަށްގެންގޮސްފައިވާއިރު، އައިޕީޔޫގެ އިންކްލޫސިވް އެޕްރޯޗާ އެއްގޮތަށް ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކާއި އެކަޑަމީ އަދި މަދަނީ ޖަމިއްޔާތަކުގެ އިތުރުން މީޑިއާގެ ފާހަގަކޮށްލެވޭ ލީޑަރުން މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ. އަދި މިއީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.