ޚަބަރު

މާނަހުރި ގޮތެއްގައި މަޝްވަރާތައް ބޭއްވި، ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައެޅޭނެ: ލަންކާ ރައީސް


  • ރައީސުލްޖުމްހޫރިއްޔާއާއެކު ޚާއްސަ މަޝްވަރާތައް ކުރިއަށްގެންދާނެ

  • އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާނެ

ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ދެޤައުމުގެ ދެމެދު މާނަހުރި ގޮތެއްގައި މަޝްވަރާތައް ބޭއްވި، ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކުގެ އެއްބަސްވުންތަކެއް ޤާއިމުކުރެވޭނެކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވަޑައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރައީސްވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވިކަން ހާމަކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާއި ދެމެދު އެކި ދާއިރާތަކުން މާނަހުރިގޮތެއްގައި ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އެއްބަސްވުންތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަންވެސް ސްރީލަންކާގެ ރައީސްވަނީ ހާމަކުރައްވާފައެވެ.


ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ. މިއީ އެމަނިކުފާނު މިދިޔަ އަހަރު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރުފުރޭ މުނާސަބާއާއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.