ޚަބަރު

ޙަސަން ޞާބިރުގެ ޖަނާޒާ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި


  • ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައި

  • ޙަސަން ޞާބިރު އަވަހާރަވެފައިވަނީ މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލުގައި

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ބޭއްވުމަށް ނިންމަވައިފިއެވެ.

ޙަސަން ޞާބިރުގެ ކަށުނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. ޙަސަން ޞާބިރުގެ މޫނު ދެއްކުން މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޙަސަން ޞާބިރަށް އެރުވުމުން އިއްޒަތާ އާޢިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ ޙަސަން ޞާބިރުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ.

އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.