ޚަބަރު

އެއަރޕޯޓުގައި ބަންގީގެ އަޑުއިވޭ ގޮތަށް ހަމަޖެއްސުމާއެކު އިލްމުވެރިންގެ ތައުރީފު


  • މިއީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވައް

  • މިއީ ވަރަށް ތާރީހީ ކަމެއް އަދި މިއީ ވަރަށް ހޮޔޮ ފާލެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ބަންގީގެ އަޑުއިވޭ ގޮތަށް ހަމަޖެއްސުމާއެކު އެކަމަށް އިލްމުވެރިން ތަޢުރީފުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ވައިގެ ބަނދަރުގައި ބަންގީގެ އަޑު އިވޭގޮތައް ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން 5 ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި ނިންމެވުމަށް އާންމުންގެ އިތުރުން ދީނީ އިލްމުވެރިން ދަނީ އެކަމަށް ތައުރީފު ކުރައްވަމުންނެއެވެ. އެގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައު ޓާމިނަލްގައި ބަންގީގެ އަޑު އިވޭނެ އިންތިޒަމު ހަމަޖައްސަވައި އެކަން ހާމަކުރެވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒައަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއްކަންވެސް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޖަމިޢްޔަތުއް ސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިޢްޔާގެ ނާއިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި 5 ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމަކީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާޣެ މި ނިންމެވުމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ މިއީ ވަރަށް ތާރީޚީ ކަމެއްކަމަށައި އަދި މިއީ ހޮޔޮ ފާލެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. މީގެ އިތުރުން ދީނީ އިލްމުވެރިޔާ ޝަފީއު އަބްދުﷲ ވިދާޅުވެފައިވަނީ މިއީ ވަރަށް ރަނގަޅު ނިންމުމެއްކަމަށެވެ. މީގެ އިތުރުންވެސް ގިނަ އިލްމުވެރިންތަކެއް ވަނީ ރައީސްގެ މި ނިންމެވުމަށް ތައުރީފު ކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަށްވާއިރު މި ޤައުމުގެ އިސްލާމީ ވަހުދަތު ހިމާޔަތްކޮށް އިސްލާމީ ރިވެތި އާދަތައް ފެތުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އިސްކަމެއްދޭކަމެކެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 10ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، އީދު ފަދަ އެކި މުނާސަބާތަކުގައި މަގުތަކުގައި ތަކުބީރުގެ އަޑު އިއްވުން ފަދަ ހަރަކާތްތައް ފާހަގަކުރެވެއެވެ.