ޚަބަރު

ތަރައްޤީ ހާސިލުވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުން ކުރިއަށް ނެރެގެން: ރައީސް


  • އަބުޠާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ރައީސް ފާހަގަކުރެއްވި

  • ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުންކަންވެސް ފާހަގަކުރެއްވި

ތަރައްޤީ ހާސިލުވާން އޮތީ، އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން، ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމިއްލަ ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެން ނޫނީ ޙަޤީޤީ ތަރައްޤީ ހާސިލުވާން ނެތްކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަޚުރުވެރިވެ، އަބުޠާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ޤަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ޤައުމިއްޔަތަށް އިސްކަންދިނުމަށް ކޮންމެ ފަރުދަކުވެސް ނިންމުމުން ނޫނީ، ޤައުމަށް ތަރައްޤީ ގެނައުމުގެ އެއްވެސް މާނައެއްނެތްކަމަށެވެ.

މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި، ބުރަ، ޤައުމީ މަސައްކަތުން އަދުގެ ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދެވިފައި އޮތް އެއްޗެއް ކަމަށާ، އަންނަން އޮތް ޖީލުތަކަށް މިކަން މިގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައްޔާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުގައި، ތިމަންނާ މަސައްކަތްކޮށްފީވިއްޔާ އެކަންޏޭ އެކަން އެވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު، އެއްވެސް ޝައްކެއްނެތި، މިއަދު ޔަޤީންކަމާއެކު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދެވޭނެ މި ނޫން ގޮތެއް ނެތްކަން ހަނދާންކޮށްދެއްވައި، ޤައުމީ ލޯބި އިސްކުރެވެން އޮތީވެސް މިމޭރުމުން ކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާ، އެހެން ބައެއްގެ އެހީ ހޯދިކަމުގައި ވީ ނަމަވެސް، ދިވެހީންނަށް ބޭނުންވާ ކަންކަން ދިވެހީންގެ އަމިއްލަ އަތުން ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހީންނަށް ފައިދާކުރަނިވި ކޮންމެ ކަމެއްގައި، ބޭރު ޤައުމުތަކާ ގުޅުން ބޭއްވުންވެސް އޭގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަން ކުރެވެން އޮތީވެސް އެންމެންވެސް އެއް މިސްރާބަކަށް ކުރިއަށް ގޮސްގެން ކަމަށާ، ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީވެސް މި ވިސްނުމުގައި ޤައުމީ ލޯބި އިސްކޮށްގެންކަމުގައި ވީ ހިނދު، މިކަން މިގޮތަށް ކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ދިވެހިރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ޤައުމުގެ ތަރައްޤީ ކުރިއަށްގެންދިއުމުގައި ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށާ، އިހްލާސްތެރިކަމާއެކު ވަޢުދުފުޅުތައް ފުއްދެވުމުގައި ރެޔާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވަމުން ދިވެހި ރައްޔިތުންނަށް، ތަކުރާރުކޮށް، ދެއްވާފައެވެ.