ޚަބަރު

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން: ވިޔަފާރީގެ ގުޅުމަށް އައު ބާބެއް


  • މިއެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވިގެންދާނެ

  • ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވިޔަފާރީގެ ގުޅުމުގައި އައު ބަދަލުތަކެއް ގެނެސްދޭނެ ބާބެއްކަމަށާއި، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުކޮށްދޭނެ ވަސީލަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ވުޒާރާއިން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް، މަޝްވަރާތައް ފެށުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހަމަމިއާއެކު، އެފްޓީއޭގެ މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނީ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް ޔޫޕީއައިއާއި، ލޯކަލް ކަރަންސީ ސެޓްލްމަންޓް މެކޭނިޒަމް ހަރުދަނާކުރުން ފަދަ ވިޔަފާރި ފަސޭހަކުރުމުގެ ފިޔަވަޅުތަކުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި މުހިންމު އެއްބަސްވުން ވެގެންދާނީ އިންޑިއާ-ރާއްޖޭގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ދެމިގެން އައިސްފައިވާ ވިޔަފާރީގެ ގުޅުމުގައި އައު ބަދަލުތަކެއް ގެނެސްދޭނެ ބާބަކަށް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ކުރިއެރުމަށާއި، މާކެޓަށް ވަނުމުގެ ފުރުޞަތުތައް އިތުރުކުރެވި، ދެ ޤައުމަށްވެސް ދާއިމީ ކުރިއެރުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.