ޚަބަރު

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު، ދިފާއީ ވުޒާރާގެ "ދޮށިމޭނާ" ބިލްޑިންގ ހުޅުވައިދެއްވައިފި


  • މިއީ 10 ފަންގިފިލާގެ އިމާރާތެއް

  • މިތަނުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރު

ދިފާއީ ވުޒާރާގެ 10 ބުރީގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތަށް ދީފައިވަނީ ނަމަކީ "ދޮށިމޭނާ" ބިލްޑިންގއެވެ.

މިތަން ހުޅުއްވައިދެއްވުމަށްފަހު ދެ ބޭފުޅުންވެސް ވަނީ އެ އިމާރާތުގެ މޮޑެލެއް ބައްލަވާލައްވާ ޚިދުމަތްތަކުގެ މަޢުލޫމާތުތައް އޮޅުން ފިލުވާފައެވެ.

މި އިމާރާތަކީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ފަށާފައިވާނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގައެވެ. މިއީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ތަނުގައި ހިންގާނީ ދިފާޢީ ވުޒާރާގެ އިތުރުން ޚާއްސަކޮށް ކޯސްޓްގާޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

ރާއްޖޭގައި ކޯސްޓްގާޑް ޚިދުމަތް ފެށިތާ 45 އަހަރު ފެށިފައިވާއިރު މި ޚިދުމަތް ފަށާފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ. ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގައެވެ.

ކޯސްޓްގާޑުގެ ޒިންމާއަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ބަލަހައްޓާ ހިމާޔަތްކުރުމެވެ. އެގޮތުން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާ މުދާ ސަލާމަތްކުރުމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކޮންވެންޝަނަލް ނޭވީއަކުން އަދާކުރަންޖެހޭ ދައުރާއި ދިވެހިރާއްޖޭގެ މެރިޓައިމް ސިވިލް ޑިފެންސް އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސްއޫލިއްޔަތު ސިފައިންގެ ޤާނޫނާއި ރާއްޖޭގެ އެހެނިހެން ޤާނޫނުތަކުން ހަވާލުކޮށްފައިވާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއެވެ.

ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ހިންގަންޖެހޭ އޮޕަރޭޝަންތައް ރާވައި ހިންގަނީ، ރާއްޖޭގެ ސަރަޙައްދު ހަތަރު އޭރިއާއަކަށް ބަހާލައި ޤާއިމުކޮށްފައިވާ އޮޕަރޭޝަނަލް ކޮމާންޑްތަކުންނެވެ. މިއިން ކޮންމެ އޭރިއާ ކޮމާންޑެއްގައި ވެސް އޮޕަރޭޝަނަލީ ސަބޯޑިނޭޓްވާ ކޯސްޓްގާޑު ސްކޮޑްރަންތަކެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ރާއްޖޭން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ސާޗް އެންޑް ރެސްކިޔު ޚިދުމަތް ދިނުމަށްޓަކައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއްވެސް ކޯސްޓްގާޑުގައި ޤާއިމުކޮށް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި މީހުން އެއްރަށުން އަނެއް ރަށަށް ކުއްލި ހާލަތުގައި އުފުލައިދިނުމުގައިވެސް ހަރަކާތްތެރިވަނީވެސް ކޯސްޓްގާޑުންނެވެ. ކަނޑުމަތީގައި އަސްކަރިއްޔާގެ ހަރަކާތްތެރިވުން އިތުރުކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން"ގެ ނަމުގައި ޚާއްސަ ފޯސްއެއްވެސް ވަނީ މިހާރު އުފައްދާފައެވެ.