ޓައިޓަންސް ބާސްކެޓްބޯލް އެކެޑަމީގެ 55 ކުއްޖަކު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ފުރައިފިއެވެ.
މިދަތުރުގައި އެ އެކެޑަމީގެ ކޯޗިން ޓީމުގެ މެމްބަރުންވެސްވަނީ ބައިވެރިވެފަވެއެވެ.
މި ދަތުރަކީ ޓައިންޓަންސް ބާސްކެޓްބޯލް އެކެޑެމީގެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދެ ފަހަރުކުރާ ދަތުރެއްކަމަށާ، މިއަހަރު ބެންކޮކަށް ކުރާ މި ދަތުރުން ކުދިންނަށް އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެއެކެޑެމީގެ ފައުންޑަރ އިލްޔާސް އިބްރާހިމް ވަނީ ބުނެފައެވެ.
"މިދަތުރަކީ ޓައިންޓަންސް ބާސްކެޓްބޯލް އެކެޑެމީން ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ދެ ފަހަރު މަދުވެގެން ރާއްޖެއިން ބޭރަށް އެކެޑެމީ ކުދިން ގޮވައިގެން ފްރެންޑްލީ މެޗުތަކަށް ނޫނިއްޔާމުން މުބާރާތްތަކަށް ދަން. އެގޮތުން 2025 ވަނަ އަހަރުގެ ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީގެ ދަތުރު މިއީ ބެންކޮކަށް. މި ދަތުރަކީ އަޅުގަނޑުމެން ހަފްތާއަކަށްދާ ދަތުރެއް" އިލްޔާސް ބުންޏެވެ.
މި ދަތުރުގައި ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީގެ ދެ ޖިންސު ހިމެނޭހެން ހަ ޓީމެއް ބައިވެރިވެއެވެ. އެއީ 10 އަހަރުންދަށާ، 12 އަހަރުންދަށުގެ އިތުރުން 14 އަހަރުންދަށުގެ އުމުރުފުރާގެ ޓީމުތަކެވެ. ތަޖުރިބާ ހޯދުމުގެ ގޮތުން ކުރާ މި ދަތުރުގައި ބެންކޮކުގެ ސްކޫލުތަކާއި އެކެޑެމީތަކާއެކު ކޮންމެ ޓީމަކުން ފަސް މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓުމަހުގެ ފުރަތަމަ ދުވަހާ ހަމައަށް މި ހަރަކާތް ކުރިއަށްދާއިރު، މެޗުތައް ކުޅެ ނިމުމަށްފަހު އެއް ދުވަސް އެއްކޮށް އެކުދިންނަށް ޚާއްސަކުރެވިފަވަނީ އެކުދިންނަށް ބާއްވާ ސްކިލް ޕްރޮގްރާމަކަށް ކަމަށް އިލްޔާސްވަނީ މައުލޫމާތުދީފައެވެ.
"މި ޓްރޭނިންގއިން ކުދިންނަށް ލިބޭނެ އެންމެ ބޮޑު އެއްޗަކީ ގައުމުން ބޭރުގަ އެހެން ގައުމުތަކާއެއްކޮށް މެޗުކުޅުމުގެ ފުރުސަތު ލިބިގެންދާނެ. އަޅުގަނޑުމެންގެ ޓޯޓަލް އުޅޭނެ މި ދަތުރުގައި ހަ ޓީމު. އަންޑަރ 10، އަންޑަރ 12، އަންޑަރ 14 ބޯއިޒް އަދި ގާރލްޒް. އެހެންވީމަ ހަމަ ކޮންމެ ބައެއްވެސް ހަފްތާއެއް ތެރޭގައި ކުޅޭނެ ފަސް މެޗު. އަދި ވަން ފުލް ޑޭ ސްކިލް ކޭމްޕް އޮންނާނެ. އެހެންވީމާ ކުދިންނަށް މެޗެއްވެސް ނޫން އެކޮޅުގެ އެކްސްޕާރޓް ކޯޗުންނާ އެއްކޮށް ބާސްކެޓްގެ ސްކިލް ކޭމްޕެއް ގޮތަށް ހުނަރުތައް ދަސްކުރާ ފުލް ޑޭ އެއްވެސް އޮންނާނެ" ޓްރޭނިންގ ޕްރޮގްރާމާ ގުޅޭގޮތުން އިލްޔާސް ބުންޏެވެ.
މިފަދަ ދަތުރުތަކުގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިލްޔާސް ފާހަގަކުރިއެވެ. މިގޮތުން މާހައުލުގެ ތަފާތުކަމާ މޮޅެތި ކުޅުންތެރިންގެ ކުޅުން ތަޖުރިބާކޮށްލާ ބޭރުގެ ކޯޗުންގެ އިރުޝާދުތައް މިދަތުރުތަކުގެ ސަބަބުން ލިބިގެންދާކަމަށް އިލްޔާސް ފާހަގަކުރިއެވެ. އަދި މިއީ ކުދިން މި ކުޅިވަރުން އިތުރަށް ކުރިއެރުމަށް ލިބިގެންދާ ބާރަކަށްވާކަމަށް އޭނާ ބުނެފަވެއެވެ.
2018 ވަނަ ވުޖޫދުވެގެން އައި ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީގައި މިހާރު ހަ ސަތޭކައަށްވުރެ ގިނަކުދިން އަންނަނީ ތަމްރީނުވަމުންނެވެ.