ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރ ޑރ. ޢަބްދުﷲ އަބްދުލް ޙަކީމްގެ ހަނދާނުގައި އައިޖީއެމް ހޮސްޕިޓަލުން ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވައިފިއެވެ.
މި ދަފްތަރު ހުޅުއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި ދަފްތަރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ. ހެލްތު މިނިސްޓްރީއާއި އައިޖީއެމް ހޮސްޕިޓަލް ގުޅިވަޑައިގެން ހުޅުއްވި މި ދަފްތަރުގައި ރާއްޖޭގެ މެޑިކަލް ބައެއް ޑޮކްޓަރުންނާއި އައިޖީއެމްއެޗްގެ ވެރިންވެސް ވަނީ ސޮއިކުރައްވާފައެވެ. މިއަދު ހެނދުނު ނުވަޔަކުން ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް މި ދަފްތަރުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި ދަފްތަރަށް ލިބޭ ތަރުހީބަށް ބެއްލެވުމަށްފަހު މުއްދަތު އިތުރު ކުރައްވާނެކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ނިޝާން ރެހެންދީގެ އިއްޒަތުގެ ލަގަބް ދެއްވާފައިވާ ހެންވޭރު ވިލާޑިސޯސަން، އެންޑީ ޢަބްދުﷲ އަކީ ލޮލުގެ ޚާއްޞަ ޑޮކްޓަރެކެވެ. ޑރ.ޢަބްދު ﷲ ޢަބްދުލްޙަކީމް، ރާއްޖެއިން ބޭރުން ކިޔަވާވިދާޅުވެގެން ވަޑައިގެން ފުރަތަމަ ދިވެހިރައްޔިތުންނަށް ޚިދުމަތް ދެއްވަން ފަށްޓަވާފައިވަނީ 1964 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ. ޑރ.ޢަބްދު ﷲ ގެ ފާހަގަކޮށްލެވޭ ޚިދްމަތްތަކުގެ ތެރޭގައި، ކޯރނިއަލް ގްރާފްޓް (ދިރޭ ލޯ ޖެހުން) 1981 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފް ކުރެއްވުން ހިމެނެއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫޢު ފެށުނު ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވިބޭފުޅަކީވެސް ޑރ.ޢަބްދު ﷲ، ޢަބްދުލްޙަކީމްއެވެ.
ޑރ. ޢަބްދު ﷲ، ޢަބްދުލްޙަކީމް 41 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވިއެވެ.