ޚަބަރު

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް ދަނާލެއްގެ މައްޗަށް ވެއްޓިއްޖެ


ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް، އެ ޤައުމުގެ އުތުރުގައި ހުރި ދަނާލެއްގެ މައްޗަށް ވެއްޓި، މިހާތަނަށް އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މި މަތިންދާބޯޓު ވެއްޓުނީ ބަންގްލަދޭޝްގެ އުއްތަރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށް ކަމަށާއި، އެ ވަގުތު އެތަނުގައި އެއްބައި ދަރިވަރުން އިމްތިޚާނެއް ހަދަމުންދިޔައިރު، އަނެއް ބައި ދަރިވަރުން ކްލާސްތަކުގައި ތިބި ކަމަށެވެ.

އެ ހާދިސާގައި، ބޯޓު ވެއްޓުނު ސަރަޙައްދުގައި އަލިފާން ރޯވެ، ދުން ބޯވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ 20 މީހުންގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރުން ގިނަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝް އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ވެއްޓިފައިވަނީ، އެފް-7 ބީޖީއައި މަރުކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއްކަން ކަށަވަރުކޮށްދީފައެވެ. ބަންގްލަދޭޝްގެ ފަޔަރ ޑިޕާޓްމަންޓުގެ އޮފިލަކު ވަނީ އެ ހާދިސާގައި އެކަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވާކަން ޔަޤީންކޮށް ދެއްވައިފައެވެ. ނަމަވެސް، އިތުރު ތަފްޞީލެއް ނުދެއްވައެވެ.