ޚަބަރު

"ދަރަނި ދައްކަން ފަސޭހަވީ ހަރުދަނާ މާލީ ސިޔާސަތުގެ ސަބަބުން"


  • ދަރަނީގެ ބޮޑު ބައެއް މިހާރު ވަނީ ދައްކާފައި

  • ސަރުކާރުން ގެންދަވަނީ ހަރުދަނާ މާލީ ސިޔާސަތުތަކެއް އެކަށައަޅަމުން

ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކައި ހަލާސްކުރެވުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މިސަރުކާރުން ގެނައި ހަރުދަނާ އިސްލާހުތަކުގެ ސަބަބުންކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރުވެރިކަން ކަމަށެވެ. ނަމަވެސް ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެނައި މާލީ އަދި ހިންގުމުގެ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ދަރަނީގެ ބޮޑު މިންވަރެއް މިހާރު ދައްކައި ޚަލާސްކުރެވިފައިވާ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި 2023 އާ ހިސާބަށް އައިއިރު އަޑުއިވޭނެ ރަނގަބީލު އަޅަނިއްޔޭ، އެ ފައިސާއެއް މި ފައިސާއެއް ނުދެއްކޭނޭ. އެކަމަކު ހަރަދުތައް ރޭޝަނަލައިޒްކޮށް އިގުތިސާދީ އެޖެންޑާއެއް ގެންގުޅެ ހަރުދަނާ ބަދަލުތަކެއް ގެނެވުނީމާ އޭގެ ނަތީޖާއަކީ ހަގީގަތުގައި ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދުވަހުން ދުވަހަށް ދީ މިކަންކަން ކުރެވުން،" މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ދައުލަތުން ދަރަންޏެއް ނަގަންޖެހިއްޖެ ހާލަތެއްގައިވެސް، އެ ދަރަނި އަދާކުރެވޭނެ ހަރުދަނާ އިންތިޒާމުތަކާއި ޕްލޭންތަކެއް އެކުލަވައިލުމަށްފަހު ނޫނީ ދަރަނި ނުނަގާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުން އަންނަ ކަންކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ކޮންޓްރޯލް އޮތް ކަމަކަށް ނުވި ނަމަވެސް، ސަރުކާރުން ސަބްސިޑީ ދީގެން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އައިއިރު ތެޔޮ ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިވެފައި ނުވާކަމަށެވެ.