މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތައް ބަލަހައްޓަން އީރާނުން އައު އިދާރާއެއް އުފައްދައިފިއެވެ.
މިދިޔަ ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އީރާނުގެ ބާރުގަދަ ސުޕްރީމް ނެޝަނަލް ސެކިޔުރިޓީ ކައުންސިލުން ބުނީ، ޕަރޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީގެ ނަމުގައި އައު އިދާރާއެއް އުފައްދާފައިވާ ކަމަށާއި، އެ އިދާރާ މެދުވެރިކޮށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށެވެ.
މީސްމީޑިޔާގައި ކުރި އެ ޕޯސްޓު އީރާނުގެ އިންޤިލާބީ ފައުޖުން ވެސް ވަނީ ޙިއްސާކޮށްފައެވެ. ނަމަވެސް، މި އައު އިދާރާއިން އަދާކުރާ ސީދާ ދައުރެއް އަދި ސާފެއް ނޫނެވެ.
ނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނެފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، ހުރްމުޒްގެ ޙާލަތު ކުރިން އޮތް ގޮތަށް އިޔާދަނުވާނެ ކަމަށެވެ.
އީރާނުން ބޭނުންވަނީ، ހުރްމުޒްގެ ފުރިހަމަ ކޮންޓްރޯލް ނަގައި، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުން ޙާއްސަ ފީއެއް ދައްކަން ލާޒިކުރުމަށެވެ.
އީރާނުން އުފެއްދި މި އައު އިދާރާއިން، ހުރްމުޒްގެ ސިޔާދަތީ ބާރު ތަންފީޒުކުރުމުގެ މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.
ހުރްމުޒް ބަންދުކުރުމާ އެކު، މެދުއިރުމަތީގައި ތެޔޮ ބޭރުކުރުމަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.