ކުޅިވަރު

ރެއާލްގެ ކެޕްޓަންކަން ކަވަހާލް އަށް


ރެއާލް މެޑްރިޑުގެ ކެޕްޓަން ކަން ޑެނީ ކަވަހާލް އަށް ދީފި އެވެ.

އޭނާގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފްރެޑިކޯ ވަލްވާޑޭ އާއި ގޯލަކީޕަރު ތިބައޫ ކޯޓުއާ އާއި ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ.

ރެއާލްގެ ކެޕްޓަންކަން ކަވަހާލް އަށް ދޭން ނިންމީ ކެޕްޓަން ލޫކާ މޮޑްރިޗް މިދިޔަ ސީޒަނަށް ފަހު އިޓަލީގެ އޭސީ މިލާނަށް ބަދަލު ވުމުންނެވެ. އަދި ވައިސް ކެޕްޓަން ލޫކަސް ވަޒްކުއޭޒް ވަނީ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ޓީމާ ވަކިވެފަ އެވެ.

މިހެންވެ ކެޕްޓަނުންގެ ޓީމަށް އަލަށް އިތުރު ކުރި ދެ ކުޅުންތެރިންނަކީ ކޯޓުއާ އާއި ބްރެޒިލްގެ ވިނީޝިއުސް އެވެ. މީގެ ތެރެއިން ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ކުރިއަށް ރެއާލް މެޑްރިޑާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އޭނާ ލައްވައި ސޮއި ކުރުވަން ރެއާލްގެ ޕޮލިސީ އަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ބްރެޒިލްގެ ވިނީޝިއުސް ކެޕްޓަނުންގެ ޓީމުގައި ހިމަނާފައިވަނީ ފާއިތވެދިޔަ ސީޒަނުގައި އޭނާ ދައްކާފައިވާ މޮޅު ކުޅުމާއި ކުރިއަށް އޮތް ދުވަސް ތަކުގައި އޭނާ ރެއާލްގައި ބަހައްޓަން އިތުރަށް ބާރު އެޅުމުގެ ގޮތުންނެވެ.

ރެއާލް މެޑްރިޑް ހުސްވި ސީޒަން ނިންމާލީ އެއްވެސް ތައްޓެއް ނުލިބި އެވެ. އަދި މި މަހު ނިމުނު ކުލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ވެސް އެ ޓީމު ވަނީ ކަޓައިފަ އެވެ. މިހެންވެ އައު ކޯޗު ޒަބީ އަލޮންސޯ ދަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ކުޅުމުގެ ސްޓައިލް ބަދަލު ކުރުން ވެސް ހިމެނެ އެވެ.