ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު ޒައިކް ވޮލީބޯލް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ކުލަބު އެޗްޑީސީއާ ބައްދަލުކޮށް ކަޒަކިސްތާނުގެ ޒައިކުން މެޗުގެ ސެޓުތައް ގެންދިޔައީ 25-11، 25-22 އަދި 25-13 އިންނެވެ.
އެޗްޑީސީއަށް މިމެޗުގައި މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ޒައިކުންވަނީ އޭގެ ފައިދާ ނަގާ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ޒައިކް ވަނީ މޮޅުވެފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.
މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.