ޚަބަރު

އެމެރިކާއިން ފިއްތުންތައް ކުރުމަތި ކުރުވި ނަމަވެސް ހަތިޔާރު ބަހައްޓަން ޙިޒްބުﷲން ދެކޮޅު


އެމެރިކާއިން ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهން އަމާންދީ، ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅޭކަމުގެ އިޝާރާތެއް، އެ ޖަމާޢަތުގެ އިސްވެރިޔާ، ނަޢީމް ޤާސިމް ދެއްވައިފިއެވެ.

ނަޢީމް ޤާސިމް މިއަދު ވިދާޅުވި ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުތައް ހުއްޓުވާނެ ބަޔަކު ނެތްނަމަ، މުޅި ލުބުނާނު ޔަހޫދީންގެ އަތް ދަށަށް ގެންދާނެއެވެ.

"އިސްރާއީލަށް އަމާންދީ، ހަތިޔާރެއް ނުބަހައްޓާނަން. އިސްރާއީލުން އަހަރެމެންގެ ހަތިޔާރުތައް އަތުލުމުގެ ފުރުޞަތެއް ނުދޭނަން،" ވީޑިޔޯ މެސެޖެއްގައި އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ލުބުނާނުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފައްޓަވާފައިވާއިރު، އޭނާ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲއިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓައިލާނެކަމަށް ހުށަހެޅުއްވައިފައެވެ.

ނަމަވެސް، ނަޢީމްގެ މި މެސެޖާ ގުޅިގެން، ބަރަކްގެ ހުށަހެޅުމަށް ދެން ވާނެ ގޮތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ފާއިތުވި ދުވަސްތަކުގައި ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ. އެ ފަރާތްތަކުން ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ގޮވައިލަނީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނެއެވެ. ހަނގުރާމައިގެ ފަހުން ލުބުނާނުގެ ހިންގުމާ ޙަވާލުވެފައިވާ އައު ސަރުކާރުން ވެސް ހަތިޔާރު ގެންގުޅެންޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނަމުންދާއިރު، ސަރުކާރުން ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން އަމަލު ކުރުމަށް ވެސް ގޮވައިލަމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔަހޫދީންގެ ޢުދުވާނުތައް އަނެއްކާވެސް ފުޅާކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، އެމެރިކާގެ މި ހުށަހެޅުމުގެ ސަބަބުން، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ފައުޖުތައް ފޭބުމުގެ ފުރުޞަތު ވެސް ލިބޭ ކަމަށެވެ.

2000ވަނަ އަހަރު، ޔަހޫދީންގެ އަތްދަށުން ލުބުނާނުގެ ދެކުނު މިނިވަންކުރުމުގައި ޙިޒްބުﷲން އިސް ދައުރެއް އަދާކުރިކަމަށް ޤަބޫލުފުޅު ކުރެއްވި ނަމަވެސް، އެ ޖަމާޢަތުގެ ހަތިޔާރުތައް، ލުބުނާނުގެ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ ވަގުތު މިހާރު ޖެހިފައިވާކަމަށް ސަލާމް ވިދާޅުވިއެވެ.

ލުބުނާނުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ދަނީ ޙިޒްބުاللهޤގެ އަސްކަރީ މަޤާމުތައް ދެކުނު ލުބުނާނުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންނެވެ. ދެކުނު ލުބުނާނުގެ ފަސް ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ކޮންމެ ދުވަހަކުހެން ޔަހޫދީން ވައިގެ ޙަމަލާތައް ދެއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވިފަހުން 250އެއްހާ މީހުން ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައިވެއެވެ.