ޚަބަރު

އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ކެނޑިނޭޅި އިޝްތިހާރުކުރަންޖެހޭ: ވަޒީރު ސަޢީދު


  • ލަންޑަނުގައި ކުރިއަށްދިޔަ ބިޒްނަސް ފޯރަމްގައި 200 އަށްވުރެގިނަ ވިޔަފާރިވެރިން ބައިވެރިވި

ރާއްޖެ އިޝްތިހާރުކޮށް، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޓްވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ލަންޑަންގައި ބޭއްވި ޔޫކޭ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެން، ފޯރަމްއަށް ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިކަމަށެވެ. އަދި މިފޯރަމްގައި ތަޤްރީރުކުރެއްވުމުގެ އިތުރަށް ރާއްޖޭގެ ފިޝަރީޒް ބްރޭންޑް، "ފްރޮމްމޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ ލޯންޗުކޮށްދެއްވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ބިޒްނަސް ފޯރަމްގައި މުހިއްމު ވުޒާރާތަކާއި އިދާރާތަކުން ބައިވެރިވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރަމްގެ ބައިވެރިންނާއި ހިއްސާކުރެއްވިކަމަށެވެ. އަދި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދުނިޔެއެއްގައި ރާއްޖެ އިޝްތިހާރުކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ލަންޑަނުގައި ކުރިއަށްދިޔަ ބިޒްނަސް ފޯރަމްގައި އިނގިރޭސިވިލާތުގެ ވިޔަފާރިވެރިންނާއި އިނގިރޭސިވިލާތުގައި ވިޔަފާރިކުރާ ވިޔަފާރިވެރިން ހިމެނޭހެން 200 އަށްވުރެގިނަ ފަރާތަކުން ބައިވެރިވިކަމަށެވެ. އަދި އެ ބޭފުޅުން ވަނީ ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑުނަމަވެސް، އެހެން ދާއިރާތަކަށްވެސް އިންވެސްޓަރުންގެ ޝަޢުޤު ބޮޑުވަމުން އަންނަކަމަށެވެ. އެގޮތުން 2028 އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކަށް އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ބޮޑުވަމުން އަންނަކަމަށެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ޔޫކޭގައި ދިވެހި ކަނޑުމަހަށް އޮންނަ ޑިމާންޑްވެސް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބިޒްނަސް ފޯރަމްގައި ވެސްޓް-ލަންޑަން ޗެމްބަރ އޮފް ކޮމާސްއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާ ދެމެދު އެމްއޯޔޫއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. މި އެމްއޯޔޫގެ މަޤްސަދަކީ މިފަދަ މަސައްކަތްތައް އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިއުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވިއެވެ.