ޚަބަރު

ލަސްވުމަށްވުރެ މުހިންމީ ފުރާނަ!


  • ޖޫންމަހު އެކަނިވެސް 1000އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވޭ

  • އެކްސިޑެންޓުތަކުގައި ފުރާނަ ގެއްލި ބައެއް މީހުން ނުކުޅެދޭ ހާލަތަށްދޭ

މަގުމަތީގެ އެކްސިޑެންޓްތަކަކީ ދުނިޔޭގައި 8 ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. ރާއްޖޭގައިވެސް އަހަރުން އަހަރަށް މަގުމަތީގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެކަން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސް ހިސާބުތަކުންވެސް ދައްކައެވެ. މި މުއްދަތުގައި މާލޭ ސަރަޙައްދުގައި ޖުމްލަ 1101 އެކްސިޑެންޓް ހިނގާފައިވެއެވެ.

ފުލުހުން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތައްކަމަށެވެ. އަދި ގިނަ ހާދިސާތައް ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާއިރު އެއީ 745 ނުވަތަ %68 އެކްސިޑެންޓެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި 356 އެކްސިޑެންޓް ހިނގާފައިވާއިރު އެއީ %32އެވެ. މި އެކްސިޑެންޓްތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވަނީ، ޓްރެފިކް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތުުންކަން ފުލުހުން ހާމަކުރައްވަފއެވެ. އެހެންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުގައި މަސައްކަތް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ. ޚާއްޞަކޮށް ފަރުދީ ޒިންމާ އަދަކުރުމަށް ފުލުހުންގެ ޚިދުމަތުން އެދިވަޑައިގަންނަވައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ ސުޕްރިންޓެންޑެންޓް އަޙުމަދު ފަސީހު ވިދާޅުވީ، އުޅަނދުތައް ދުއްވުމުގައި ތިމާއާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށް ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށާއި، އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށެވެ.

" ސައިކަލު ދުއްވާއިރު ވިސްނަންއެބަޖެހޭ ތިމާފަދަ އެތައްބަޔަކު ސައިކަލުގަ އެބައުޅޭކަން. ތިމާފަދަ ގަޑިއަށްދާންޖެހޭ އެތައްބަޔަކު އެބައުޅޭކަން. އެހެންވީމާ ތިމާ ދުއްވާނީ ތިމާގެ ފަރާތުން އަނެކާއަށް ރައްކާތެރިކަން ލިބޭގޮތަށް އަނެކާވެސް ގޯޅިއަޅަންދެން ތިމަ މަޑުކޮށްލާނަމޭ، އޭނަ ކުރިއަރާދާން ބޭނުންވަންޏާ ތިމަންނަ މަޑުކޮށްލާނަމަ. ހަމައެގޮތަށް އެމީހާ ހިނގާއިރުވެސް މަގުގެ އެއްކައިރިން ހިނގުމާއި ޕޭވްމަންޓް މަތިން ހިނގުމާއި، ހަމަ ޒިބްރާާ ކްރޮސްއަށްއަރާފަ ދެފަރާތަށް ބަލާފަ މަގު ހުރަސްކުރުން". ސްޕްރިންޓެންޑެންޓް އަޙުމަދު ފަސީހު ވިދާޅުވިއެވެ.

ފަސީޙް ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ހަރަކާތްތަކެއް މިހާރުވެސް ކުރިއަށްގެންދާކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައްޔާއި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނާއި ބެލެނެވެރިންނަށާއި، ކުންފުނިތަކުގެ މުވައްޒަފުންނަށާއި، ބަސް ޑްރައިވަރުންނަށާއި ހުރިހާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ތަފާތު އެކި މަޢުލޫމާތުތައް ފޯރުކޮށްދީ، އެކި އެކި ކިލާސްތައް ހިންގާ، އެކި އެކި ތަމްރީނު ޕްރޮގްރާމުތައް ހިންގަމުން". ސްޕްރިންޓެންޑެންޓް އަޙުމަދު ފަސީހު ވިދާޅުވިއެވެ.

ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މީގެ ތެރެއިން ބައެއް އެކްސިޑެންޓަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ. އަދި އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އޭގެތެރެއިން ބައެއް މީހުން ނުކުޅެދޭ ހާލަތަށް ނުވަތަ އުމުރުދުވަހު ތަކުލީފެއްގައި އުޅެންޖެހޭ ފަދަ ކަންކަން މެދުވެރިވެފައި އެބަހުއްޓެވެ.

އެކްސިޑެންޓް މަދުކުރުމުގައި އެންމެ ބޮޑީ މަގުގައި ދުއްވާ ފަރާތްތަކާއި މަގުހިނގާ ފަރާތްތަކުގެ ޒިންމާއެވެ. މަގުމައްޗަކީ އެންމެން ބޭނުން ކުރާތަނަކަށްވެފައި މަގުމަތީގައި އުޅަނދު ދުއްވާއިރު މަގަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދިނުން އެއީ އެކްސިޑެންޓް މަދު ކުރުމަށް ކުރެވިދާނެކަމެކެވެ. ހަމަ އެއާއި އެކު މަގުގައި ދުއްވާއިރު ވީޙާވެސް ބޮޑަށް މަގަށް ޖާގަ އޮންނާނެހެން މަގުގެ ވާތްފަރާތުން ދުއްވުމާއި ގޯޅިއަކުން ނުކުންނަނަ ނަމަ ދުވެލި މަޑުކޮށް މަގަށް ދޭންޖެހޭ ސަމާލުކަން ދިނުމަށްފަހު ރަނގަޅު ލޭނުން ދުއްވުމާއި، ދުރާލާ ދަތުރަށް ތައްޔާރުވެގެން ރައްކާތެރި ދުވެލީގައި ދުއްވުމަކީ އެކްސިޑެންޓް ހިގުން މަދުކުރެވިދާނެ ސަބަބެކެވެ.

ހަމަ އެހެންމެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ވުމާއި ތިމާ ދުއްވާ އުޅަނދަކީ ރޯޑް ވާދިނަސް މިންގަނޑަށް ފެތޭ، މަގުމަތީގައި ދުއްވަން އެކަށިގެންވާ އުޅަނދެއްކަން ކަށަވަރު ކުރުމަކީވެސް އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވެންހުރި ކަންނަމެވެ.

އެހެންކަމުން އެންމެންވެސް ހަނދާންކުރަންވީ އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަމެވެ.