ޚަބަރު

ޕާކިސްތާނަށް ކުރަމުންދާ ވިއްސާާރައިގައި 159 މީހުން މަރުވެ، ބޮޑެތި މާއްދީ ގެއްލުންތަކެއް


ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޕަންޖާބް ޕުރޮވިންސުން 63 މީހުން މަރުވެ، ވިއްސާރައާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 159އަށް އުފުލިއްޖެއެވެ. ޕާކިސްތާނަށް މޫސުމީ ވިއްސާރަ ފެށިފައި ވަނީ ޖޫން މަހުގެ ފަހުކޮޅުއެވެ. ޕަންޖާބް ޕްރޮވިންސުގެ އޮފިޝަލުން ބުނީ، މިއީ ތާރީޚުގައި ވެސް މޫސުމީ ވިއްސާރައިގެ ސަބަބަބުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި އަހަރު ކަމުގައެވެ.

މޫސުމީ ވިއްސާރައާ ގުޅިގެން މަރުވި މީހުންގެ އަދަދު 159އަށް އުފުލިފައިވާއިރު، ޕަންޖާބްގެ އޮފިޝަލުން ބުނީ އިތުރު 300އެއްހާ މީހުންނަށް އަނިޔާވެ، ފަރުވާ ދޭން ޖެހުނު ކަމުގައެވެ. މެދުނުކެނޑި ބޯކޮށް ވާރޭވެހުމާ ގުޅިގެން ޕަންޖާބްގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. ޕަންޖާބްގެ އޮފިޝަލުން ބުނީ، އެންމެ ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިފައި ވަނީ ގެދޮރުގެ ފުރާޅު ވެއްޓުން ފަދަ ހާދިސާތަކުގައި ކަމުގައެވެ.

ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ޕަންޖާބް ޕްރޮވިންސުގެ ވެރިރަށް ލާހޯރް ހިމެނެއެވެ. އެ ރަށުން މަރުވި މީހުންގެ އަދަދު 15އަށް އަރައެވެ. އަދި، ފައިޞަލްއާބާދުން ވެސް ނުވަ މީހަކު މަރުވިއެވެ. ޕަންޖާބްގެ އޮފިޝަލުން ބުނީ އެ ދެ ރަށުގެ އިތުރުން ދަނޑުވެރިކަމަށް މަޝްހޫރު އޯކާރާއާއި ސާހީވާލްގެ އިތުރުން ޕާކްޕަތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ.

ޕާކިސްތާންގެ ޕުރޮވިންސްތަކުގެ ކާރިސާތަކާ ބެހޭ އިދާރާ، ޕްރޮވިންޝަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (ޕީޑީއެމްއޭ)ން ބުނީ ޖޫން މަހަށް ފަހު ކުރަމުންދާ ވިއްސާރައިގައި ޕަންޖާބުން އެކަނިވެސް 103 މީހުން މަރުވެ، އިތުރު 393 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމުގައެވެ. އަދި، 120 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ނައަމްސޫފި މަރުވެފައިވާ ކަމުގައެވެ.

ޕާކިސްތާންގެ ކާރިސާތަކާ ބެހޭ ޤައުމީ އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ، ޖޫން 25ވަނަ ދުވަހަށް ފަހު މޫސުމީ ވިއްސާރައާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 159އަށް އުފުލިފައިވާ ކަމުގައެވެ. އަދި، 1,000އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ޕާކިސްތާންގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ޖެހްލަމް ކޯރުގެ ފެންގަނޑު ބޮޑުވެ، ބަންޑުންވެދާނެ ކަމުގެ އިންޒާރު ކޮށްފައެވެ. އެންމެ ބޮޑު ނުރައްކަލެއް އޮތީ އުތުރުގެ މަންގަލާއަށް ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރިއެވެ.