ޚަބަރު

ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އާއްމުކުރަން ފަށައިފި


  • ފެމިލީ ކޯޓުން މިއަދު ވަނީ ސާބިތު ޚަރަދަށްވާ ފައިސާ ނުދައްކާ ފަރާތެއްގެ ވަނަވަރު އާއްމުކޮށްފައި

  • މިފަދަ ފަރާތްތަކުގެ ވަނަވަރު ހާމަކުރުމަކީ ޢާއިލާއާ ބެހޭ ޤަވާއިދުގެ ދަށުން ހުއްދަ ކުރާ ކަމެއް

ދަރިންނަށް ސާބިތު ޚަރަދު ނުދޭ މީހުންގެ މައުލޫމަތު ފޮޓޯއާއެކު އާންމުކުރަން ފަށައިފިއެވެ. އެގޮތުން މިއަދު ފެމިލީ ކޯޓުން ވަނީ ދަރިއަކަށް ޚަރަދު ނުކުރުމުގެ މައްސަލައެއްގައި އޭނާގެ ވަނަވަރު އާންމުކޮށްފައެވެ.

ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ހުކުމާ އެއްގޮތަށް ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ބައެއްގެ ގޮތުގައި ކޯޓުތަކުން ބަލައެވެ. އަދި މި ފަރާތްތަކުގެ ވަނަވަރު ހާމަކުރުމަކީވެސް ޢާއިލާއާ ބެހޭ ޤަވާއިދުގެ ދަށުން ހުއްދަ ކުރާ ކަމެކެވެ.

ކޯޓު ހުކުމާ އެއްގޮތަށް ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ބަލައި، އެމީހުންގެ ވަނަވަރު އާންމުކޮށް އިޢުލާންކުރަން ޢާއިލާއާ ބެހޭ ޤަވާޢިދުގެ ދަށުން ޙުއްދަ ކުރެއެވެ.

މި ޤަވައިދުގެ ދަށުން ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް ކޯޓުތަކުން އާއްމު ކުރަން ފެށީ މިދިޔަ ޖެނުއަރީ މަހެވެ. އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހިންނަވަރު މެޖިސްޓްރޭޓް ކޯޓުންވެސް ވަނީ އެފަދަ ބައެއް ފަރާތްތަކުގެ ވަނަވަރު މީގެކުރިން އާންމުކޮށްފައެވެ.

މީގެ އިތުރުން، ފެމިލީ ކޯޓުންވެސް މިއަދު ވަނީ ސާބިތު ޚަރަދަށްވާ ފައިސާ ނުދައްކާ މީހެއްގެ މައުލޫމާތު ފޮޓޯއާއެކު އާންމުކޮށްފައެވެ. ފެމިލީ ކޯޓުން ވިދާޅުވީ، މިއަދު އާންމުކުރި މީހާއަކީ ދަރިފުޅުގެ ޚަރަދަށް ފައިސާ ނުދައްކައިގެން ކޯޓުން ހުކުމްކޮށްގެންވެސް ފައިސާ ނުދައްކާ މީހެއްކަމަށެވެ.

ދަރިންނަށް ޚަރަދު ނަގައި ދިނުމުގެ ޤަވާއިދު ބުނާ ގޮތުން އެންމެ ކުއްޖެއް ހުރިނަމަ ޚަރަދުގެ ގޮތުގައި މަހަކު 2،000ރ. ދައްކަން ޖެހެއެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ މަގުން ޚަރަދު ދިނުން ލާޒިމްވެއެވެ. ނަމަވެސް، ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރިނަމަ ނުވަތަ ކުއްޖާއަށް އިތުރު ޚަރަދުތަކެއް ކުރަން ޖެހޭނަމަ އެއަށްވުރެ އިތުރަށްވެސް ޚަރަދު ކުރެވޭނެކަމަށް އެ ޤަވާއިދުގައި ބަޔާންވެފައިވެއެވެ.