ޚަބަރު

ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ވަނީ ނިމިފައި: ޞިއްޙީ ވަޒީރު


  • ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

  • ކެންސަރު ބަލި ޖެހުމުގެ ކުރިން، ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވޭ

ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ވަޒީރުންގެ "އަހާ ފޯރަމް"ގެ ތެރެއިން ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ޞިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.

"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ." ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރުގެ ވާހަކަފުޅުގައި ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކެންސަރު ބަލި ޖެހުމުގެ ކުރިން ރައްކާވެ ތިބުމަށް، ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އެ ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ދުރުކުރުމަށް، ޖެނެރޭޝަން ބޭންއެއް ތަޢާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. އަދި ކެންސަރު ބަލީގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ.