ޚަބަރު

މިއަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި "ޙާލު ކިހިނެއް؟" ޕްރޮގުރާމް ފެށޭނެ: އިޖުތިމާޢީ ވުޒާރާ


  • މިމަހުގެ ތެރޭގައި ފ. އަދި ދ. އަތޮޅުގައި ޙާލު ކިހިނެއް ޕްރޮގުރާމް ފެށޭނެ

  • މިއަހަރުގެ ތެރޭގައި މ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައި ފެށޭނެ

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި "ޙާލު ކިހިނެއް؟" ޕްރޮގުރާމް ފެށޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ޙާލު ކިހިނެއް ޕްރޮގުރާމް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގުރާމެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މަރިޔަމް ލަހުފާ ވިދާޅުވީ މިމަހުގެ ތެރޭގައި ފ. އަދި ދ. އަތޮޅުގައި ޙާލު ކިހިނެއް ޕްރޮގުރާމް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް "ޙާލު ކިހިނެއް؟" ޕްރޮގުރާމް ފެށޭނެކަމަށް ލަހުފާ ވިދާޅުވިއެވެ. އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ފެށުންކަމަށް ލަހުފާ ވިދާޅުވިއެވެ.

ލަހުފާ ވަނީ ހާލު ކިހިނެއް ޕްރޮގުރާމް ނުފެށި ނަމަވެސް، ނާޒުކު ހާލަތެއްގައި ދިރިއުޅެން ޖެހިފާވާނަމަ އެކަން ވުޒާރާއަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މި ޕްރޮގުރާމް ފަށާއިރު ޚާއްސަ އެހީތެރިކަމެއް ބޭނުންވާނަމަ، ވުޒާރާގެ ހޮޓްލައިން 1433އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަކީ. އެ ގޭބިސީއަށް ޒިޔާރަތްކޮށް، ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނަން." ލަހުފާ ވިދާޅުވިއެވެ.

ލަހުފާ ވިދާޅުވީ ހާލު ކިހިނެއް ޕްރޮގުރާމްގެ ތެރެއިން ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެފަދަ ޢާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ކުރު ކޯސްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް ލަހުފާ ވިދާޅުވިއެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި ޕްރޮގުރާމްގެ ދަށުން 14،000 އަށްވުރެ ގިނަ ގެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިހާތަނަށް އައިރު ހުޅުމާލޭގެ އިތުރުން މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ވަނީ ޕްރޮގުރާމް ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުން ފާހަގަކުރެއެވެ.