ޚަބަރު

ނިމުނު ހަފްތާ: އުމްރާނީ ތަރައްޤީގެ ދާއިރާންނާއި އިޤްތިސާދީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް


  • ނައިބު ރައީސް ސްޕެއިނަށް ކުރެއްވި ދަތުރުފުޅުު ނިންމަވާލެއްވި

  • ޙަޟާރަތްތަކާ ގުޅޭ ނީޝަން ފޯރަމްގައި ބައިވެރިވުމަށް ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވި

  • އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ފަޒީލް، މަޤާމުން ވަކިކުރެއްވި

  • ޗައިނާގެ ކުންފުންޏަކުން ދިވެހި ކަނޑުމަހުން ދަޅު މަސް އުފައްދަން ފެށި

ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ އަދި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ސްޕެއިނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް، އެފްއެފްޑީ4 ގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތް ތަޤުރީރުކުރައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ނީޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ދަތުރުފުޅެއްގައި ވަޑައިގަތީވެސް ނިމުނު ހަފުތާގައެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ނީޝަން ފޯރަމަށްވަޑައިގަތް މުހިންމު މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ހަނިމާދޫ އެއަރޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއްކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވުން ފާހަގަކޮށްލެވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ޓަރމިނަލެއް އެއްވެސް ބަޔަކާ ހަވާލުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީވެސް ނިމުނު ހަފުތާގައެވެ.

ހަމައެއާއެކު ސަސްޕެންޝަންގައި ހުރި މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް އެ މަޤާމުން ވަކިކުރެއްވީ ނިމުނު އަންގާރަ ދުވަހުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަންގެ މަޤާމަށް ހުސެއިން ޝާމް އަދާމް ނިމުނު ހަފުތާގައި އައްޔަންކުރިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އައްޔަންކުރާ ޑިރެކްޓަރުންގެ ޤާބިލުކަން ކަށަވަރުކުރުމަށް އުސޫލަށް ހަރުދަނާ ބަދަލުތަކެއް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލީވެސް ނިމުނު ބުރާސްފަތި ދުވަހުއެވެ. ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވާތީ، އެ ދެ މަޤާމަށްވެސް ބޭފުޅުން އައްޔަން ކުރެއްވުމަށް ވަނީ ހުޅުވާލައްވާފައެވެ.

އިޤުތިޞާދާއި ވިޔަފާރި:

އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޗައިނާ ކުންފުންޏަކުން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފެށި ޚަބަރު ފާހަގަކޮށްލެވެއެވެ. އެ ގޮތުން ރާއްޖޭގެ ކަނޑުމަހުން މަސްދަޅު އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.

މާފަރު އެއަރޕޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ވައިޑް ބޮޑީގެ ޚިދުމަތް ފެށި ޚަބަރުވެސް އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވެއެވެ. މާފަރު އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް މެދުވެރިކޮށް ޔުނިޓެޑް އަރަބް އެމިރެޓްގެ އެހީތެރިކަމާއެކުގައެވެ. ހަމައެއާއެކު ޗައިނާގެ ޝެންޖެންއިން އައި ފުރަތަމަ ފްލައިޓްގައި 140 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީވެސް ނިމުނު ހަފުތާގައެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވަމުން އަންނާތީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް މަތިވެފައިވާކަން ނޫސްތަކަށް ފެންމަތިވީވެސް ނިމުނު ހަފުތާގައެވެ. އެ ގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖޭގެ ސުކޫކެއްގެ އަގު 64.72 އެމެރިކާ ޑޮލަރުގައި ހުރިއިރު، މިދިޔަ ހޯމަ ދުވަހަށް އެ އަދަދު ހުރީ 87.44 އެމެރިކާ ޑޮލަރުގައެވެ.

ތަޢުލީމީ ދާއިރާ:

ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް 5 ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ތަޢުލީމީ ވުޒާރާއިން ހަމަޖެއްސެވި ޚަބަރު ފާހަގަކޮށްލެވެއެވެ. މި މީހުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބަލައި އެ ކަންކަމުގައި ބައިވެރިވުމާއި ގައުމީ މަންހަޖަށް ލަފާދިނުން ހިމެނެއެވެ.

މީގެ އިތުރުން މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ އެ ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނިންމެވީވެސް ނިމުނު ހަފުތާގައެވެ. މެލޭޝިޔާގައި ކިޔަވާ ބޭރު ދަރިވަރުންގެ ޓިއުޝީ ފީގެ ގޮތުގައި 60،000 ރިންގިޓު ނުވަތަ އެއަށްވުރެ މަތީ އަދަދެއް ޚަރަދުކުރާނަމަ، ޓެކްސްއެއް ދައްކަންޖެހޭ ގޮތަށް އެ ޤައުމުގެ ޤާނޫނަށް ވަނީ ބަދަލުގެނެސްފައެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙުކުރުން ފާހަގަކޮށްލެވެއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސަރވިސްގެ އައު އިމާރާތް ހުޅުވާފައިވަނީ ނިމުނު އާދިއްތަ ދުވަހުއެވެ.

ހަމައެއާއެކު މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް މިދިޔަ ހޯމަ ދުވަހު ބޭއްވިއިރު، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލިކަން ހާމަކުރީ ނިމުނު އަންގާރަ ދުވަހުއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަން ސްޓެލްކޯއިން ހާމަކުރައްވާފައިވާއިރު، ދިވެހިރާއްޖެއާއި ޑޮމިނިކާ ދެމެދު ވިސާ ވެއިވަރ އެއްބަސްވުމެއްގައި ސޮއިކުރީ ނިމުނު ހަފުތާގައެވެ. އަދި ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު ނިމުނު ބުރާސްފަތި ދުވަހު ނިންމާލި ޚަބަރު ފާހަގަކޮށްލެވެއެވެ.

ނިމުނު ހަފުތާގައި ޕީއެސްއެމް ނިއުސްގެ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކުރި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. މިއީ އެއް ޑޮކިއުމެންޓްރީއެއްގައި މިހާތަނަށް ގެނެސްދީފައިނުވާ މިނިވަންކަމާ ގުޅުންހުރި އެތައް މަޢުލޫމާތުތަކެއް ހިމެނިގެން ގެނެސްދޭ ޑޮކިއުމެންޓްރީއެކެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް މުހިންމު ޚަބަރުތަކެއް ފާހަގަކޮށްލެވުނެވެ.