ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ. ލީގު ޗެމްޕިއަންކަން ސިފައިންގެ ކުލަބަށް ކަށަވަރުވީ މިއަދު ހަވީރު ކުޅުނު މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އަތުން 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިވުމުންނެވެ. އެއާއެކު މިރޭ ކުޅުނު ފަހު މެޗުގައި ސިފައިންގެ ކުލަބުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެ މެޗުން ސިފައިން ވަނީ ސީދާ ތިން ސެޓުން ކުލަބު އެޗްޑީސީ އަތުން ބަލިވެފައެވެ.
މި އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ދަނޑިމަގަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ތިންވަނަ ހޯދި އެޗްޑީސީއަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމި ހުރާއަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލަށްދިޔަ ޕޮލިސް ކުލަބަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެއާއެކު ޕޮލިސް ކުލަބު ވަނީ ކުރިއަށް އޮތް ގައުމީ މުބާރާތަށް ކޮލިފައިނުވެ ކަޓާފައެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ސީދާ ތިން ސެޓުން ސިފައިން ބަލިވިއިރު، މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންގޮސްފައިވަނީ 25-22، 25-22 އަދި 28-26 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ބިދޭސީ ކުޅުންތެރިޔާ ސެބާސްޓިއަން ގިރާލްޑޯ ގޯމޭޒްއެވެ.
މި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ސިފައިންގެ ކުލަބުގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ މި ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ސިފައިންގެ ކުލަބުން ކާމިޔާބުކުރުމުގައި ޓީމުގެ ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ. އެކޮތުން އެކަތިގަނޑެއްގެ ގޮތުގައި ސިފައިންގެ ކުލަބުގެ ކުޅުންތެރިން ދައްކާ ކުޅުން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަނޑިމަގު މޮޅުވިއިރު، މި މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައިވަނީ އެ ޓީމުންނެވެ. މި ދެ ސެޓު ދަނޑިމަގުން ގެންދިޔައީ 25-17 އަދި 25-20 އިންނެވެ. އެކަމަކު ހުރާއިން ވަނީ ޖެހިގެން އައި ސެޓު ވާދަވެރި ކުޅުމަކަށްފަހު 32-30 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި ދަނޑިމަގުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން މި ސެޓު ގެންގޮސްފައިވަނީ 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގުގެ އަލީ ހުޒާމް (ހުޒާންޓެ) އެވެ.
މި ފަހަރުގެ ގައުމީ ލީގުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަނީ ދަނޑިމަގުގެ ހުޒާމް އާއި ސިފައިންގެ ކުލަބުގެ އާދަމް ނަސީމް (އެޑަމް) އެވެ. އަދި އެންމެ މޮޅު މިޑްލް ބްލޮކަރުންނަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ އާދަމް ފައިރޫޒް އާއި އެޗްޑީސީގެ މުޙައްމަދު އަހުސަންއެވެ. ލީގުގެ އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކަށް އެޗްޑީސީގެ ޝަމާއީލް ހުސެއިން ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކީ ސިފައިންގެ ކުލަބުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު) އެވެ. ލީގުގެ އެންމެ މޮޅި ލިބަރޯއަކަށް ދަނޑިމަގުގެ އަޙްމަދު ނަބީލު ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވަނީ ސިފައިންގެ ކުލަބުގެ ކޯޗު ޖުނައިދެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ ކުލަބުގެ ލުއިޒް ފިލީޕޭ ފެރެއިރާ ހޮވުނުއިރު، ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ކުލަބުގެ ހުސައިން ރަޒާންއެވެ.
މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދިއިރު، މިރޭ ކުޅުނު ލީގުގެ ފަހު މެޗާއި އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.