ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި، ވަކިން ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށާއި، އެ ޞިނާޢަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ތަރައްޤީކުރެވޭ ދާއިރާއެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، މަސްވެރިކާމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސްޕޯޓްސް ފިޝިންއަކީ ދަޢުލަތުން ޤަބޫލުކުރާ މަސްވެރިކަމުގެ ބާވަތެއްގެ ގޮތުގައި ކަނޑައެޅުމަކީ މި ސަރުކާރުން އިސްކަން ދެއްވާ ކަމެއްކަމަށެވެ. އަދި މި ބާވަތުގެ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތަކެއް ޤާއިމުކުރެއްވުމަކީ މި މަސައްކަތުގެ ބައެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސްޕޯޓްސް ފިޝިންއަށް ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަށް ޚާއްޞަ ބަނދަރުތަކެއް ތަރައްޤީކުރާނެ ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާކަމަށެވެ. އަދި ވުޒާރާގެ ކަމާބެހޭ ޓީމުން މިހާރު ދަނީ މި ސަރަޙައްދުތައް ބީލަމަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރައްވަމުންކަމަށާއި، މި ބަނދަރުތައް ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް މިބަނދަރުތައް ޤާއިމްކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެތެރެއާއި ބޭރުގެ އިންވެސްޓަރުންނަށް އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެ. ތަފާތު ފެއަރ ތަކުގައި ނުވަތަ ތަފާތު ބިޒްނަސް ފޯރަމްތަކުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގައި މި ބަނދަރުތައް ހުޅުވާލާ ވާހަކަ ހިއްސާކުރެވިއްޖެ. އަދި އެއާއެކީގަ އަޅުގަނޑުމެންނަށް ބައެއް ޕްރޮޕޯސަލްތައްވެސް ލިބިފަ ހުރިކަން ފާހަގަކުރަން." މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރެވިއްޖެނަމަ އެފަދަ މަސްވެރިކަންކުރާ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މި ބަނދަރުތައް ތަރައްޤީވެގެންދިއުމާއެކު، ރާއްޖޭގެ އިޤްތިޞާދަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސްޕޯޓްސް ފިޝިންއަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ހަރަކާތެކެވެ. ވުމާއެކު، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީސްތައްވެސް ހިމާނައިގެންނެވެ. އަދި މީގެ އިތުރުން، ރެސްޓޯރަންޓް އަދި ކެފޭތަކާއި، މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ހިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތައްވެސް މި ބަނދަރުތަކުގައި ހުންނާނެއެވެ.
ސްޕޯޓްސް ފިޝިންއާއި ފަރުމަހުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިއީ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އެކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ.