އެކުވެރިކަމުގެ މެޗުތަކަށް ފަރިތަކުރީ އެންމެ ދެ ހަފުތާގައި ކަމަށާއި، ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހޫނުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކާ ކުރިމަތިވި ކަމަށް އޮސްޓްރޭލިއާގެ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީގެ ޑައިރެކްޓަރު ކީތު އެލައިޖާ ބުނެފިއެވެ.
އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ (އޭއެސްއައި) ގެ ޒުވާން ކުޅުންތެރިން ވެލެންސިއާ އާއި ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަމުން އެލައިޖާ ބުނީ ކުލަބު ވެލެންސިއާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.
އައިއެސްއޭގެ ޑިރެކްޓަރ ބުނީ އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމުގެ ބައެއް ކުޅުންތެރިންނަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސިޑްނީ ހިސާބުން މި މެޗަށް ރާއްޖެ އައި ބައެއް ކުޅުންތެރިން ކަމަށެވެ. އަދި ގަލޮޅު ދަނޑުގައި އެކުދިންނަށް އުނދަގޫތަކާއި ކުރިމަތިވީ ހޫނުގެ ސަބަބުން ކުޅުންތެރިން މާ ބޮޑަށް ވަރުބަލިވުމުގެ ސަބަބުން ކަމަށެވެ. އަދި އަނިޔާގެ މައްސަލަތަކާއި ހުރެ ރަނގަޅަށް މި މެޗުގައި ނުކުޅެވުނު ކަމަށެވެ.
އެހެންނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ވެލެންސިއާ މެޗުން ފާހަގަ ކުރެވުނު ކަމަށާއި އެކަންކަން ރަނގަޅުކުރާނެ ކަމަށްވެސް އެލައިޖާ ބުންޏެވެ.
ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުންކަމަށާއި އެހެންނަމަވެސް އެޓޭކިން އަައި ޑިފެންސްވެސް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭކަމަށް މެޗުން ފާހަގަވި ކަމަށް އޭނާ ބުންޏެވެ.
12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުޅުންތެރި ހިމަނައިގެން ރާއްޖެ ގެނައި މި ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެކި ކުލަބުތަކަށް ކުޅޭ ކުޅުންތެރިންކަމަށާއި ރަނގަޅަށް ޓީމު އެއްކޮށްލައިގެން ފަރިތަކުރެވުނުނަމަ މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުނީސް ކަމަށްވެސް އެލައިޖާ ބުންޏެވެ.