ޚަބަރު

ގައުމީ ވޮލީބޯޅަ ލީގު: ޕޮލިސް ބަލިކޮށް ސިފައިންގެ ކުލަބަށް ދެވަނަ މޮޅު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ޕޮލިސް ކުލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ލީގުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ސިފައިންގެ ކުލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންދިޔައީ 25-18، 25-22 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް ފެލީޕޭ ފެރެއިރާ ޕެރޮއްޓޯއެވެ.

މި މެޗުން ސިފައިންގެ ކުލަބު މޮޅުވިއިރު، ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށްފައެވެ. މިއާއެކު ސިފައިންގެ ކުލަބަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.