ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރާ ފައިނޭންސް ހޯދުމަށް އިތުރު ލުއިތަކެއް ސަރުކާރުން ހަމަޖައްސައިދެއްވައިފިއެވެ.
ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއި މަސްވެރިކަމާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެންނެވެ.
މަސްވެރިަކާމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައިވާކަމަށެވެ.
އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ކުޑަކޮށްފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ވުޒާރާއިން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެކަމަށެވެ. އެހެންނަނަމަވެސް އަލަށް ދިން ލުޔާއެކު ކަނޑައެޅިފައިވާ މުއްދަތުގައި ގަވައިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މިގެނައި ބަދަލުގެ ބޭނުމަކީ ވީހާވެސް ގިނަ ދޯނީގައި އެ ނިޒާމު ޤާއިމްކޮށް މަސްވެރިނަށް ލުއިފަސޭހަކަން ހޯދައިދިނުންކަމަށެވެ.
ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރް. އެސް. ޑަބްލިއު ފައިނޭންސިންގް ފެސިލިޓީއަށްއެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ވަނީ ލުއިކުރެވިފައި. މިގޮތުން ކުރެޑިޓް ހިސްޓްރީ… pic.twitter.com/RLqtPT5jf9
— Ministry of Fisheries and Ocean Resources (@MFORmv) July 6, 2025
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހުޅުވާލާފައިވާ ލޯނަށް އެދުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް އިތުރު ލުއިތަކާއެކު އަލުން ވަނީ މި ލޯނައް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެއެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ.
މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ހިލާފަށް އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުސަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއޭޑަކާއެކު، 10 އަހަރު މި ސްކީމުގެ ދަށުން ލިބޭނެއެވެ.
ސަރުކާރުން ވަނީ މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ޤާއިމްކުރުމެވެ.