ޚަބަރު

މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްފައިވާ 422 އުޅަނދެއް ފުލުހުން ޓޯކޮށްފި


  • މަޖީދީމަގުން އެކަނިވެސް 219 އުޅަނދެއް ޓޯކޮށްފައިވޭ

  • ބޮޑުތަކުރުފާނު މަގުން އެކަނިވެސް 203 އުޅަނދެއް ޓޯކޮށްފައިވާ

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 422 އުޅަނދެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ.

މިދިޔަ މަހުގެ 12 އިން 30އަށް މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން އެކަނިވެސް 422 އުޅަނދެއް ޓޯކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަޖީދީ މަގުން އެކަނިވެސް 219 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ 216 ސައިކަލަކާއި، 2 ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ސައިކަލެވެ.

މީގެއިތުރުން، މިދިޔަ މަހުގެ 12 އިން 30އަށް ބޮޑުތަކުރުފާނު މަގުން އެކަނިވެސް 203 އުޅަނދެއް ޓޯކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެތޭރޭގައި ހިމެނެނީ 164 ސައިކަލަކާއި، 38ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ކާރެވެ.

އާންމުދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ހުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި، އެހެން ހުންނަ އުޅަނދުތައް ޓޯކުރުމަށްފަހު އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރުފަހުންކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ.