ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: ވަޒީރު ޑރ. މުއްޠަލިބް


  • މުޅި މަޝްރޫޢުގެ %88.7 މަސައްކަތް ވަނީ ނިމިފައި

  • މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ސެޕްޓެމްބަރުމަހަށް ނިންމާނެކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަރނެޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ފައިނޭންސްކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ މި މަޝްރޫޢު މަސައްކަތް ކުރިއަށްގޮސްފަވާ ހިސާބަށް ބަލާއިރު، މުޅި މަޝްރޫޢުގެ %88.7 މަސައްކަތް ނިމިފަވާކަމަށެވެ. އާ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް މުޅިން ވަނީ ނިންމާފައެވެ. އަދި މިހާރު ފްލައިޓް ޖެއްސުމަށްވެސް ބޭނުންކުރަނީ އާ ރަންވޭއިން ބައެކެވެ. މިއީ 2،460 މީޓަރުގެ ރަންވޭއެކެވެ. މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ.

ވަޒީރު ވިދާޅުވި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލްގެ %83 މަސައްކަތް ނިމިފަވާކަމަށެވެ. އަދި އެއަރޕޯޓްގެ އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރު، ހެނގަރު، އަދި ކާގޯ ބިލްޑިން މަސައްކަތުގެ %96 މަސައްކަތް ވަނީ ނިންމާފައެވެ.

މީގެއިތުރުން ފިއުލް ޖެޓީއާއި، ފިއުލް ފަރމް، އިންޖީނުގެ، ޓަމިނަލް ޖެޓީ އަދި އެއަރޕޯޓަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ޓަރމިނަލް ފްރަންޓް އިމާރާތެއްވެސް ދަނީ ހަދަމުންނެވެ.

ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

ހަނިމާދޫ އާ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފަ ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

އެއަރޕޯޓް ނިންމުމުގެ މަސައްކަތް ހަލުވިކޮށް 24 ގަޑިއިރު މަސައްކަތްތައް ކުރިއަށްގެންދަމުންދާއިރު، އެއަރޕޯޓް މަސައްކަތުގައި 800އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ.

ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
މި މަޝްރޫޢު ވެގެންދާނީ މުޅި އުތުރުގެ އިގްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫޢުއަކަށެވެ.