ރާއްޖޭގެ 5 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމަވާ އެކަމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ލުއިތަކެއް ދެއްވުމަށް ނިންމަވައިފިއެވެ.
މި ނިންމެވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައު ދޮރެއް ހުޅުވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ޙަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ޚާއްސަ އިސްކަމެއް ދީގެން އަދި އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއްކަމަށެވެ. އަދި މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްޤީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިސޯޓް އޮޕަރޭޝަންސްގެ މަރުހަލާގައިމަށް އެވުޒާރާއިން ވިދާޅުވެއެވެ. މި ގޮތުން ރާއްޖޭގެ 5 ސަރަޙައްދަކުން ކަނޑައެޅޭ ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލެވާލުމަށް ނިންމަވާ "ހަލާލް ޓޫރިޒަމް" ގެ ކޮންސެޕްޓަށް ތަރައްޤީކޮށް ހިންގުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް އިތުރު ލުއިތަކެއް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ހަލާލް ޓޫރިޒަމަށް ހުޅުވަލުމަށް ސަރުކާރުން ނިންމަވާފައިވަނީ ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ތ .އަތޮޅު، އަދި ލ.އަތޮޅުގައެވެ.
މިސަރަޙައްދުގައި ހަލާލް ޓޫރިޒަމް ތަޢާރަފްކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ލީސް އެކުއިޒިޝަން ކޮސްޓުން އިތުރު 20 އިންސައްތަ ދަށްކުރުމަށާއި، ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުމަށް ރިސޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަހަރު އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުމަށްވަނީ ނިންމަވާފައެވެ. މީގެއިތުރުން ރިސޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމަށް ސަރުކާރުންވަނީ އަދި ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށްވަނީ ކަނޑައަޅާފައެވެ.
މިލުއިތަކާއެކު މި 5 ސަރަޙައްދުން 31 ޕްރޮޖެކްޓް ހިންގުމަށް އޯޕަން ބިޑިން އަދި ކްލޯޒް ބިޑިން އުސޫލުން ހުޅުވާލުމަށްވަނީ ނިންމާފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެސަރަޙައްދުތަކުން ކޮންމެ އަތޮޅަކުން، ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައި ވާނެ ކަމަށެވެ.