ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ލާމު އަތޮޅުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ގަސް އިންދުމުގެ ހަރަކާތަކާއި، ވޯކްޝޮޕެއް ބާއްވައިފިއެވެ.
ގަސް އިންދުމުގެ ހަރަކާތުގެ އިތުރުން މައްތިނި ވޯކްޝޮޕްގައިވެސް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ހެނދުނު ލ. ފޮނަދޫ ދިދަ މައިޒާނުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ވަޒީރު ޠާރިޤު އިބްރާހީމް ވަނީ، ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ހައިވަކަރު ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ފޮނަދޫގައި ހައިވަކަރު ގަހެއް އިންދާފައެވެ.
މީގެއިތުރުން، ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްތަކާ ގުޅެގޮތުންނާއި ދިރޭތަކެތީގެ ނަސްލުތަކާއި ގުޅުހުންހުރި ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ބާއްވާ މައްތިނި ވޯކްޝޮޕް ފައްޓަވައިދެއްވާ ވަޒީރު ވަނީ ވޯކްޝޮޕްގެ ބައިވެރިންނާއި މުޙާތަބުކޮށް ވާހަކަދައްކަވާފައެވެ.
މީގެއިތުރުން، ލ.ގަމުގައި ތަރައްޤީކުރަމުންދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޒީރު ވަނީ އެ ސަރަޙައްދަށްވެސް ޒިޔާރަތްކޮށްފައެވެ.
ލ. ގަން ވޭސްޓް މެނޭޖްމަނޓް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރަހީމް ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ ލ. ގަމުގަ އަޅަމުންދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކަމަށެވެ.
"އަޅުގަނޑު މިހާރު ހުއްޓިގެން މިހިރީ ލ.އަތޮޅު ގަމުގައި ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ބަލާލަން. މަސައްކަތް ވަކި ހިސާބަކަށް ނިމިފަ އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތުގެ ސްޕީޑް ބާރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހޯދާ، ބަލާ އެކަންތައްތައް ކޮންޓްރެކްޓަރ އަށް ފަހިކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ޢަމަލީ ގޮތުން ބެލުމަށް އަޅުގަނޑު މިތަނަށް އައިސް މިހިރޫ. މިހާރު.ލ ގަމުގައި އަޅަމުންދާ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު ސްޓޭޓް އޮފް ދަ އާރޓް އިކުއިޕްމަންޓް ހުންނާނެ، އޭރުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަސޭހަވެގެންދާނެ" ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ޠާރިޤު ވަނީ ކައްދޫ އެއާރޕޯޓްގެ މެޓްގެ މަސައްކަތްތައް ބައްލަވާލައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.