ޚަބަރު

ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރެންސް ކުރުން މަޖުބޫރުކޮށްފި


  • ކޮންމެ މަޝްރޫޢަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދުން ވަނީ މަޖުބުރޫކޮށްފައި

  • މިއީ ޢިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއް

އިމާރާތްކުރުމުގެ މަސައްކަތުގައި އިންޝުއަރަންސް ކުރުން މަޖުބޫރުކޮށް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް އިސްލާޙެއް ގެނެސްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އިސްލާހު ގެނައީ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ސަލާމަތާއި، މިފަދަ މަސައްކަތްތަކުން އުފެދިދާނެ ނުރައްކާތަކުން ރައްޔިތުންނާއި، މުދާ ހިމާޔަތްކުރުމަށްޓަކައިކަމަށެވެ. އެގޮތުން މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ 21 މާއްދާގެ (ނ) އަށް އިސްލާހުގެނެސް އަދި 22 މާއްދާގެ (ށ) ގެ ފަހަތައް ވަނީ ނަންބަރެއް އިތުރުކޮށްފައެވެ.

21 ވަނަ މާއްދާގައި (ނ) ގައި ވަނީ އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތު މީހުންނާއި ހިނގާބިގާވެ އުޅޭ ފަރާއްތަކާއި މީހުންގެ މުދަލާއި އެއްގަމު އުޅަނދު ފަހަރަށް ލިބިދާނެ ގެއްލުމުގެ ބަދަލު ދިނުމައްޓަކައި މިކަންކަން ހިމެނޭގޮތައް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިމާރާތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތުން ކުރަމުންދާ މަސައްކަތުގެ އަގަކީ ފަނަރަ ލައްކަ ރުފިޔާ ނަމަ ނުވަތަ އެއަށްވުރެއް ބޮޑު ނަމަ އެ މަސައްކަތައް އިންޝިއުރަންސް ހޯދަން ވާނެކަމަށެވެ.

އެގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިމާއްދާއަށް ގެނައި އިސްލާހުގައި ވަނީ ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ވަށައިގެންވާ މާޙައުލާއި، މަސައްކަތު މީހުންނާއި، ޢިމާރާތްތަކާއި، ބިނާތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި، ކޮންމެ މަޝްރޫޢަކަށް ކަވަރޭޖް ލިބޭގޮތަށް އިންޝުއަރަންސް ކަވަރޭޖެއް ހޯދުން މަޖުބުރޫކޮށްފައެވެ. އެވުޒާރާއިން ވިދާޅުވީ މިއީ ޢިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން މިގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އާ ނަންބަރެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޢިމާރާތްކުރުމުގެ ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގެ އުޞޫލަށް ގެނެވުނު ބަދަލަކީ، އިންޝުއަރަންސް ކުރިކަމުގެ ލިޔުން، ޕްރޮޖެކްޓް ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނުމެވެ. މީގެ ސަބަބުން، އިންޝުއަރަންސް ނެގުމުގެ ޤަވާއިދު ހަރުދަނާވެ، ކޮންމެ ޢިމާރާތްކުރުމުގެ މަސައްކަތެއްވެސް ހުއްދަ ލިބުމުގެ ކުރިން އިންޝުއަރ ކޮށްފައިވާކަން ކަށަވަރުކުރެވޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.