ޚަބަރު

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗު؛ މިފަހަރު 250 އަށްވުރެ ގިނަ ބައިވެރިން


  • މިޕްރޮގްރާމްގައި ހާޒިރުވެގެންނާއި އޮންލައިންކޮށް 257 ދަރިވަރަކުވަނީ ބައިވެރިވެފައި

  • މިމަހުގެ 26 އިން 28 އަށް ޕްރޮގްރާމް ކުރިއަށްދަނީ 3 ދަންފަޅިއަކަށް ބަހާލައިގެން

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް 250 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ. މިފަހަރުގެ ތަމްރީނުތައް ކުރިއަށްގެންދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާނެ އިމާމުން ނެތުމުގެ ސަބަބުން ރަށްރަށުގެ މިސްކިތްތަކުގައި ބިދޭސީ އިމާމުން ތިބުމުގެ އިތުރުން، ރަމަޟާން މަހާއި ދިމާކޮށް ބޭރުން އިމާމުން ހަމަޖައްސަންޖެހެއެވެ. މިކަމަށް ޙައްލެއް ގެނައުމަށް ފެށި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ މިހާތަނަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެންމެ ކާމިޔާބު ޕްރޮގްރާމްކަމަށް އެވުޒާރާއިން ފާހަގަކުރައްވައެވެ. މިޕްރޮގްރާމުގެ 2 ބެޗް މިހާރު ނިމިފައިވާއިރު 3 ވަނަ ބެޗުގެ ތަމްރީނުތައް ބުރާސްފަތި ދުވަހުވަނީ ފަށާފައެވެ. 257 ބައިވެރިންނާއެކު އޮންލައިންކޮށްނާއި ހާޒިރުވެގެން ކުރިއަށްގެންދާ މިސެޝަންތައް 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޒުވާން ޚަޠީބުން ތަމްރީންކުރާ ޕްރޮގްރާމްގެ ކޯޑިނޭޓަރ އަޝްރަފް އިބްރާހީމް ވިދާޅުވީ، މިޕްރޮގްރާމްގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބައެއް ދަރިވަރުންނާއި، އަތޮޅުތަކުގެ ރަށްތަކުންވެސް ބައިވެރިވެފައިވާކަމަށެވެ.

"3 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދޭ. މިފަހަރުވެސް ސެޝަންތައް ނިމުމުން ޓެސްޓެއް ދޭނެ. އޭގެއިން ފާސްވާ ކުދިންނަށް ޚަޠީބުކަމުގެ ސަނަދު ދޭނީ." އަޝްރަފް ވިދާޅުވިއެވެ.

މިޕްރޮގްރާމުގައި ބައިވެރިވާ ބައެއް ކުދިންވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

"މިއީ އަސްލު ވަރަށް ކުރާ ހިތުން ވަރަށް ކުޑައިރުން ފެށިގެން ބޭނުންވެފައި ހުރިކަމެއް. މިހާ ފަސޭހައިން މިފުރުސަތު ލިބުނީމަ އަސްލު ވަރަށް އުފާވޭ." ބައިވެރިއަކު ބުންޏެވެ.

"ވަރަށް ގިނަ ޘަވާބު ލިބޭކަމެއްކަމަށްވާތީ ވަރަށް އުފާވޭ މިދާއިރާއިން ކުރިއަށްދިޔުމަށް މިފުރުސަތު ލިބުނީމަ. މިޕްރޮގްރާމްގައި ދަސްކޮށްދޭ ވުޟޫ ގެއްލޭނެ ކަންތައްތަކާއި މިސްކިތްތަކުގައި އިމާމުންގެ ދައުރާއި މައުމޫމުން ޢަމަލުކުރަންޖެހޭގޮތް ވަރަށް ތަފްސީލުކޮށް." އެހެން ބައިވެރިއަކު ބުންޏެވެ.

"ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ބެލީމަ އެނގިގެންދޭ ކުދިންގެ ސަޕޯޓު އޮތްވަރު. އެހާ ބައިވަރު ކުދިންނާއެކު މިޕްރޮގްރާމްގައި ކުރިއަށްދެވޭތީ އަސްލު ހަމަ ޝުކުރުވެރިވަން." މިޕްރޮގްރާމުގެ ބައިވެރިއަކު ބުންޏެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ، ސްކޫލް ނިންމާ ކުދިންގެ ހިތްތަކުގައި އިމާމުވެ ނަމާދުކޮށް ޚުޠުބާ ދިނުމަށް ޝައުގު އުފައްދާ އެކަމަށް ކުރިމަތިލާނެ ޒުވާނުންތަކެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގެ 2 ބެޗުގައި 300 އަށްވުރެ ގިނަ ކުދިންވަނީ ފުރިހަމަކޮށްފައެވެ. މީގެތެރެއިން ބައެއް ކުދިން އަތޮޅުތަކުގެ ރަށްތަކާއި މާލޭގައިވެސް އިމާމުވެ ހުކުރު އަދި ނަމާދުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.