ރާއްޖެއާއި ޗައިނާ ޑިވެލޮޕްމަންޓް ބޭންކު، ސީޑީބީއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް، މާލީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ ޑިވެލޮޕްމަންޓް ބޭންކް، ސީބީޑީގެ އިސް އޮފިޝަލުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ ސީޑީބީއަކީ ބޯހިޔާވަހިކަން އަދި އިންފްރާސްޓްރަކްޗަރ ފަދަ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ އަދި މިހާރުވެސް ފޯރުކޮށްދެމުންދާ މާލީ އިދާރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސީބީޑީއިން ދެމުންދާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
Had a constructive meeting with senior leadership of China Development Bank (CDB) on the sidelines of #AIIB2025 in Beijing, China.
— Moosa Zameer (@MoosaZameer) June 25, 2025
We discussed the Bank’s key role in supporting projects in housing and infrastructure in #Maldives, and explored future avenues of cooperation to… pic.twitter.com/EUfyZYhNn0
ވަޒީރު ވިދާޅުވީ، ސީބީޑީއާއެކު ބޭއްވި މި ބައްދަލުވުމަކީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ކުރިއެރުން މަޝްވަރާކުރުމަށާއި، ރާއްޖެއާއި ސީޑީބީއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަމަށެވެ. އަދި ކުރިއަށްއޮތްތާގަވެސް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ތަންފީޒުކުރުމަށް ސީބީޑީގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރާއެކު، ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޟީލް ނަޖީބު، މާލީ ވުޒާރާގެ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާ، ސެކަންޑް ސެކްރެޓަރީ ޢަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދުގެ އިތުރުން ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސީބީޑީގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ އެ ބޭންކުގެ އިންޓަރނޭޝަނަލް ފައިނޭންޝަލް ބިޒްނަސް ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ބައި ޝިޔުއަން، ސެކަންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ ލީ ޔުންޒީ، އިންޓަރނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ޖިއާންގ ކެޓާއޯ، އަދި އިންޓަރނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ސެކަންޑް ކްރެޑިޓް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ހޯ މެންގްރުއިއެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން މިމަހުގެ 26އާ ހަމައަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުން އޮންނަނީ ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.