ޚަބަރު

36 އަހަރު ފަހުން ބ. އޭދަފުށިން ގޯތި ދޫކޮށްފި


  • ގޯއްޗަށް އެދި 525 މީހުން ވަނީ ކުރިމަތިލާފަ

  • ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން

  • އޭދަފުށިން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރު

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި، ގޯތީގެ ލިޔުން ހަވާލުކޮށްފިއެވެ. އޭދަފުށިން ގޯތި ދޫކޮށްފައި މިވަނީ 36 އަހަރަށް ފަހުއެވެ.

އޭދަފުށިން ގޯތި ދޫކުރުމަށް ކައުންސިލުން އެންމެ ފުރަތަމަ ހުޅުވާލީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެބުރުގައި 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމިއެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމަށްފަހު ގޯއްޗަށް އެދި ފޯމު ހުށައެޅުމަށްވެސް ހުޅުވާލިއެވެ. އެހެންނަމަވެސް ގޯތި ދޫކުރުމުގެ އުޞޫލުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެކަން ހުއްޓާލުމަށް ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ކައުންސިލަށް އަންގުމުން، ގޯތި ދޫކުރުން މަޑުޖައްސާލިއެވެ.

އެއަށްފަހު 2020ވަނަ އަހަރު އައު އުޞޫލެއް ހަދައި ކައުންސިލުން ވަނީ ގޯތި ދޫކުރުމަށް ނިންމާފައެވެ. އެބުރުގައި 158 ގޯއްޗަށް އެދި 662 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައިވާއިރު، ފޯމުތައް ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް އާންމު ފަރާތަކުން އުޞޫލާ ޚިލާފަށް ގޯތި ދޫކުރިކަމަށް ބުނެ އޭދަފުށީ ކޯޓަށް މައްސަލަ ހުށައެޅުމުން ގޯތި ދޫކުރުމަށް މަޑު ޖެހިގެންއައެވެ.

އަދި މި މައްސަލަ ނިންމުމަށްފަހު ގޯތި ދޫކުރުމަށް އައު އުޞޫލެއް ހަދައި ކުރިން ދޫކުރުމަށް ނިންމާފައިވާ 158 ގޯތީގެ ބަދަލުގައި 183 ގޯތިދޫކުރުމަށް ކައުންސިލުން ނިންމިއެވެ. އަދި ވީހާވެސް ގިނަ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން 1400 އަކަފޫޓުން 1200 އަކަފޫޓަށް ކުޑަކޮށް، މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް އާއްމުންނަށް ހުޅުވާލިއެވެ. މި ބުރުގައި ގޯއްޗަށް އެދި 525 މީހުން ވަނީ ކުރިމަތިލާފައެވެ.

އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެރަށު ފުޓްބޯޅަ ސްޓޭޑީއަމްގައި ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ ލިސްޓްގައިވާ ތަރުތީބުންނެވެ. އަދި އެ މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ، ކޮންމެ އާއިލާއަކަށްވެސް ދިރިއުޅުމަށް އެންމެ މުހިއްމީ ބޯހިޔާވަހިކަން ކަމަށާއި އަމިއްލަ ގޯއްޗެއް ލިބުމުން، އެ ރަށުގައި ބޮޑުވެފައިވާ ބޯ ހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މިއަދު ގުރުއަތުލުމުގެ ތެރެއިން ލިބޭ ގޯތި ތަކަކީ އެތަކެއް ބައެއްގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމެއް. އަދި އިޖުތިމާއި އެތައް މައްސަލަތަކަށް ހައްލުލިބި، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް" ފާތިހު ވިދާޅުވިއެވެ.

ފާތިހު ވިދާޅުވީ، ގުރު ނެގުމަށްފަހު ގޯތި ލިބުނު މީހުންނަށް ދީފައިވާ ލިޔުމުގައި ވާގޮތަށް ކައުންސިލުން އިމުގެ ކަންމުޑި އަންނަމަހުގެ 14 ވަނަ ދުވަހުންފެށިގެން އަޅައިދޭން ފަށާނެކަމަށެވެ.

3500އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށިން މީގެ ކުރިން ވަނީ 659 ގޯތި ދޫކޮށްފައެވެ. އެއީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީގައި ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން 26 ހެކްޓަރުގެ ބިން އެރަށުން ހިއްކާފައެވެ.

އޭދަފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަދުގެ ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.