ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ރަށްވެހި ސްކީމަށް އެދި 1300އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް، އެ ވުޒާރާއާއި ބީއެމްއެލް އިސްލާމިކާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަ "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ތައާރަފްކޮށްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިވާ ނުވަތަ ފަށައި ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ. އަދި މާލޭގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއެވެ.
ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއިގެ ނިޔަލަށް ހަމަވެފައިވާކަމަށެވެ. މިމުއްދަތުގެ ތެރޭގައި ގިނަ ބަޔަކު ލޯނަށް އެދި ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު އެޕްލިކޭޝަންތައް ލިބިފައިވާއިރުގައި 'ރަށްވެހި ފައިނޭންސިންގ ސްކީމް'، އެއީ 1329 އެޕްލިކޭޝަން އެބައިން ލިބިފައި. އަދި 'ސަހަރު ފައިނޭންސިންގ ސްކީމް' އަށް 3 މިލިޔަނާއި ހަމައަށް ލޯނު ލިބޭ އަރބަން ސެންޓަރޒްތައް. އެއަށް 586 އެޕްލިކޭޝަން އެބައިން ލިބިފައި. ދެން 'ފަހިމާލެ ފައިނޭންސިން ސްކީމް'، އެއީ 6 މިލިޔަނުން ފެށިގެން 10 މިލިޔަނާއި ހަމައަށް ފައިސާ ލިބިގެންދާ ސްކީމެއް. މި ސްކީމަށް 341 އެޕްލިކޭޝަން ވަނީ ލިބިފައި." އިމާރާތްކުރުމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ލިބިފައިވާ ހުށަހެޅުންތައް އެނަލައިޒްކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ނިމުނުހާ އަވަހަކަށް ބީއެމްއެލްއަށް އެޕްލިކޭޝަންތައް ފޮނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑު ދަންނަވާފައިވާނެ ޖުލައި މަސްތެރޭގައި ބޭންކުތަކުން އިވޭލުއޭޝަންގެ މަސައްކަތް ފައްޓަވާނެކަމަށް. ދެން ސީދާ ލޯނު ދެވޭނެ ތާރީޚެއް ޖުލައި މަސްތެރޭގައި ދޫކުރެވޭނެކަމަށް ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެ. އަދި ވީހާވެސް އަވަހަކަށް މި ލޯނުތައް ދޫކުރުމަކީ ބީއެމްއެލްގެ އަދި އަޅުގަނޑުމެންގެވެސް އަމާޒެއް." އިމާރާތްކުރުމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
މިސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފައިވާއިރު މި ސްކީމުގެ ދަށުން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތައެވެ. އަދި ކުރިއަށް އޮތްތަނުގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއާއެކުވެސް އެއްބަސްވުންތަކުގައި ސޮއިކުރެވޭނެކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދިނުމަށް މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިސްކީމަށް ސަރުކާރުން ބޭންކުތަކަށް 1 ބިލިޔަން ރުފިޔާ އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ފައިނޭންސިން ދޫކުރާއިރު ޖުމްލަ 2 ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފުރުޞަތު ނުލިބޭނެ އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.