ޚަބަރު

އެމެރިކާއިން އީރާނަށް ދިން ޙަމަލާއާ އެކު މުޅި އަހަރު ނުއުފުލޭ މިންވަރަށް ތެލުގެ އަގުތައް މައްޗަށް


އެމެރިކާއިން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ތެލުގެ އަގުތައް، މުޅި އަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަކަށް އުފުލިއްޖެއެވެ. އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ. އެ ދުވަހު އީރާން ގަޑިން މެންދަމުންއަލިވެ 2:30ހާއިރު ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި އަޞްފިހާނާއި، ނަޠާންޛްގެ އިތުރުން ފޫރްދޫގައި ހުރި މަރުކަޒުތައް ހިމެނެއެވެ.

ތެޔޮ އުފައްދާ (އޯޕެކް+)ގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދަނީ އީރާނުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ވަނީ ލޮޅުންތަކެއް އަރާފައެެވެ. ޚާއްޞަ ގޮތެއްގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. ޓްރަމްޕް އީރާނަށް ޙަމަލާ ދިނުމަށް އަމުރު ކުރައްވާފައި ވަނީ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުންނެވެ. އޭނާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ.

އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުން ބުނީ، ޓްރަމްޕްގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ތެލުގެ އަގު، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ނުއުފެލޭ މިންވަރަކަށް އުފުލިގެން ގޮސްފައިވާ ކަމުގައެވެ. ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ބްރެންޓް ކްރޫޑް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓް (ޑަބްލިޔުޓީއައި)ގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހިމެނެއެވެ.

ޖޫން 23ވަނަ ދުވަހު ތެލުގެ ބާޒާރުގެ އަގުތަކަށް ބަލައިލާއިރު، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ %1.1އަށް އުފުލިފައެވެ. އެއީ، 0.85 އެމެރިކާ ޑޮލަރުގެ އުފުލުމެކެވެ. ބްރެންޓް ކްރޫޑްގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 77.86 އެމެރިކާ ޑޮލަރުގައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓަށް ބަލައިލާއިރު، ތެޔޮ ފީފާއެއްގެ އަގު ވަނީ %1.14 ނުވަތަ 0.84 އެމެރިކާ ޑޮލަރުން އުފުލިފައެވެ. ޑަބްލިޔުޓީއައިގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 74.68 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.

ތަޖުރިބާކާރުން ބުނީ، ބްރެންޓްގެ ފީފާއެއްގެ އަގު 77.86 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައި ވަނީ 81.40 އެމެރިކާ ޑޮލަރަށް އުފުލުމަށް ފަހު ކަމުގައެވެ. އަދި، ޑަބްލިޔުޓީއައިގެ ފީފާއެއްގެ އަގު 74.68ގައި ހިފެހެއްޓިފައި ވަނީ ޖޫން 23ވަނަ ދުވަހު ތެޔޮ ފީފާއެއްގެ އަގު 78.40 އެމެރިކާ ޑޮލަރަށް އުފުލުމަށް ފަހުއެވެ.

މިއީ، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ބްރެންޓާއި ޑަބްލިޔުޓީއައިގެ އަގު މިހާ މައްޗަށް އުފުލިގެން ދިޔަ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ބޮން އަޅަން ފެށުމާ އެކުގައެވެ. އަދި، މިހާރު އެމެރިކާއިން ވެސް މި ވަނީ ޔަހޫދީން ފަށާފައިވާ ހަނގުރާމައިިގައި ބައިވެރިވެ، އީރާނަށް ޙަމަލާ ދޭން ފަށާފައެވެ.