މަތީ އަރުތަވެރިންގެ ތެރޭގައި ހިމެނުމަކީ ކޮންމެ ދަރިވަރަކާއި ބެލެނިވެރިއެއްގެ އުންމީދެކެވެ. ދެކޭ ފޮނި ހުވަފެނެކެވެ. އާރުލައި ކުރާ ބުރަ މަސައްކަތާއެކު މި އުންމީދު ޙާސިލުވަނީ މަދު ދަރިވަރަކަށެވެ.
ޕީއެސްއެމް ނިއުސްގައި މަސައްކަތްކުރަމުންދާ ނޫސްވެރިޔާ ޔަޒީދު ރަޝީދަކީ މި ދަންނަވާ އުންމީދުގައި ކުލަ ޖެއްސި މަދު ދަރިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ޔަޒީދު ބުނާ ގޮތުގައި ކިޔެވުމަކީ އޭނާއަށް އުނދަގޫ ކަމެއް ނޫނެވެ.
ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ކިޔެވުމުގެ ހަޔާތް ފެށި ޔަޒީދު ބުނާގޮތުން އެއްވެސް މާއްދާއެއް އޭނާއަށް އުނދަގުލެއް ނޫނެވެ. ކިޔެވުމުގެ އިތުރުން ޔަޒީދަކީ އިތުރު ހަރަކާތްތަކުގައިވެސް ނަންވިދާ ދަރިވަރެކެވެ. އެ ގޮތުން ޤުރުއާން އަދި މަދަހަ މުބާރާތްތަކުގައި ބައިވެރިވެ އެކިއެކި ވަނަތައް އޭނާ ވަނީ ޙާސިލުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އިތުރު ހަރަކާތްތަކުގައި އުޅެމުންވެސް ކިޔެވިދާނެއެވެ. އަދި އިތުރު ހަރަކާތްތަކަކީ ނުކިޔެވޭންވީ ހުއްޖަތެއް ނޫންކަމަށް ޔަޒީދު ބުނެއެވެ.
ގުރޭޑު 10 އާ ހަމައަށްވެސް ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ދެއްކި ނަމޫނާގެ ފޮނި ނަތީޖާއަކަށްވީ 2021-2022 ވަނަ އަހަރުގެ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަންކަމަށް ޔަޒީދު ހޮވުމެވެ. މިއީ އޭނާގެ ހަރުދަނާ ލީޑަރޝިޕާއި ތަރުބިއްޔަތާއި ތަޢުލީމަށް އަހަންމިއްޔަތުކަންދޭކަން ދޭހަކޮށްދޭ ކަމެކެވެ.
ގުރޭޑު 10އެއް ނިންމާ އޯލެވެލްއިންވެސް ޔަޒީދު ނަމޫނާ ދެއްކިއެވެ. އޯލެވެލްގެ ޤައުމީ ގަދަ 10ގެ 5 ވަނަ އޭނާ ހޯދިއެވެ. މި ވަނަ އޭނާ ހޯދީ އޯލެވެލް ހެދި މާއްދާތަކުން 4 އޭ ސްޓަރއާއި 4 އޭ ހޯދައިގެންނެވެ.
ދިރިއުޅުމުގެ ބޮޑު ބައި އުފަން ރަށް ބ. އޭދަފުށީގައި ހޭދަކުރުމަށްފަހު، ޔަޒީދު މާލެ ބަދަލުވީ އޭލެވެލް ހެދުމަށެވެ. މާލެ ބަދަލުވުމަށްފަހު އޭނާއަށް ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ މާޙައުލަށް ހޭނުމެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ މާޙައުލަށް ހޭނި، އޭލެވެލް ކިޔަވަމުންދިޔަ ސީއެޗްއެސްސީއިން ޕްރިފެކްޓްކަންވެސް ހޯދިއެވެ. ޔަޒީދު ބުނާ ގޮތުން އޯލެވެލްއަށް ވުރެ އޭލެވެލް އުނދަގޫވި ނަމަވެސް، އުންމީދާއި ގަދަ ޢަޒުމާއެކު ކުރި މަސައްކަތުން އޭލެވެލްއިން ލިބުނު ނަތީޖާ ވަރަށްވެސް ފޮންޏެވެ.
އޭލެވެލްއިން ޔަޒީދަށް ލިބުނީ 5 "އޭ"އެވެ. އެ ނަތީޖާއާއެކު ޤައުމީ ގަދަ 10ގެ 6 ވަނައިގައި އޭނާ ހިމެނުނެވެ. އެހެންކަމުން މިއަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޔަޒީދަށް ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނެވެ. ކިޔަވައިގެން ޤައުމަށް ޚިދުމަތްކުރުމުގެ ރަނުގެ ފުރުޞަތު ޔަޒީދަށް ފަހިވެގެންދިޔައެވެ. އޭނާ ބުނާ ގޮތުން މިއީ ވަރަށް ކުރީންސުރެ އޭނާ ކުރަމުން އައި އުންމީދެވެ.
މިއަދު ޔަޒީދު ބޭނުންވަނީ ސްކޮލަރޝިޕްގެ ބޭނުން ހިފައި މޮޅު އާކިޓެކްޓަކަށްވުމަށެވެ. އަދި ކުންފުންޏެއް ހަދައިގެން އެ ދާއިރާއިން ޤައުމަށް ޚިދުމަތްކުރުމަށެވެ.
ޔަޒީދުގެ މި ކާމިޔާބީގައި އޭނާ ޝުކުރުއަދާކުރަން ބޭނުންވާ ފަރާތްތަކުގެ ލިސްޓު ވަރަށް ދިގެވެ. އެންމެ ފުރަތަމަ މަންމައާއި ބައްޕައަށް ޔަޒީދު ޝުކުރުއަދާކުރެއެވެ. މާލެ ބަދަލުވިފަހުން ދައްތައާއި ބޭބެ ގާތު ހުރިއިރު، ދިން އެއްބާރުލުމާއި އެހީތެރިކަމަށް އޭނާގެ ބޭބެއާއި ދައްތައަށްވެސް ޔަޒީދު ޚާއްސަ ޝުކުރެއް އަދާކުރެއެވެ. ޔަޒީދު ވަނީ މިހާހިސާބަށް ވާޞިލުވުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ޢާއިލާގެ އެންމެހާ މީހުންނަށާއި ގާތް ރަޙުމަތްތެރިންނަށްވެސް ޚާއްސަ ޝުކުރެއްއަދާކޮށްފައެވެ.
މި ކާމިޔާބީއާއެކު އަދުގެ ދަރިވަރުންނަށް ޔަޒީދު ދޭން ބޭނުންވާ މެސެޖެއްވެސް އެބައޮތެވެ. އެއީ ކާމިޔާބީއަށް އެދޭނަމަ ޢިލްމު އުނގެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމެވެ. ޔަޒީދު ބުނާ ގޮތުން އޭނާއަށް ކިޔަވަން އެންމެ ފަސޭހައީ މުދައްރިސަކު އެހެން މީހަކަށް ކިޔަވައިދޭ ގޮތަށް ފިލާވަޅު ކިޔަވައިދީގެންނެވެ. މިއީ އަދުގެ ދަރިވަރުންނަށް ޔަޒީދު ދޭން ބޭނުންވާ އިރުޝާދެވެ.