ޚަބަރު

އަލިފާން ރޯވި ވިނަރެސް ފްލެޓުގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި


  • އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސްގެ 9ވަނަ ޓަވަރުގެ 13ވަނަ ފަންގިފިލާގައި

  • އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ، އަލިފާންގަނޑު ވަނީ މިހާރު ނިއްވާލާފައި

މިއަދު ހެނދުނުގެ ވަގުތެއްގައި ވިނަރެސް ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރޯވި ފުލެޓުގައި ދިރިއުޅުނު 4 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވިނަރެސްގެ 9ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނުއުޅުވޭ ވަރަށް އެޕާޓްމަންޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ އެޕާޓްމަންޓްގައި ދިރިއުޅޭ 4 މީހުންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި 2 މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެ، ގިނައިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާލެވުނުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގަކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.