ޚަބަރު

ބަޔޯމެޓްރިކްސް ނުނެގޭ ބިދޭސީން އަދިވެސް އެބަތިިބި, މަޢުލޫމާތު ދިނުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް


  • ބަޔޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ

  • ބަޔޯމެޓްރިކްސް ނުދީ، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާނަމަ ވަގުތުން ޑީޕޯޓުކުރާނެ

ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ނިންމާލާފައިވީނަމަވެސް، އަދިވެސް ބައެއް ބިދޭސީން އެ މަޢުލޫމާތު ދީފައިނުވާތީ، އެ މަޢުލޫމާތު ދިނުމަށް އިތުރު ފުރުޞަތެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދެއްވައިފިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ފެއްޓެވި އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު އެއްކުރުމެވެ. މި މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު މިހާރު ވަނީ އަދާހަމަކޮށްފައެވެ. ނަމަވެސް އަދިވެސް މަޢުލޫމާތު އަދާހަމަނުކުރާ އަދި ބަޔޮމެޓްރިކްސް މަޢުލޫމާތު ނުދޭ މަދު ބަޔަކު އުޅެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކްސް މަޢުލޫމާތު ދީފައިނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރޭގައި މަޢުލޫމާތު ނުދޭ މީހަކު ހުރިނަމަ، މަޢުލޫމާތު ދިނުމަށް ދާޚިލީ ވުޒާރާއިން ވަނީ އަންގާފައެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ ދީފައިވާ މުއްދަތުގައި ބަޔޮމެޓްރިކްސް ނުދީ، މަޢުލޫމާތު އަދާހަމަ ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ދެމުންގެންދާ ހުރިހާ ޚިދުމަތެއް ބްލޮކު ކުރެވޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދީފިނަމަ، ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް އިތުރު ފުރުޞަތެއް ނުދީ، ޑީޕޯޓުކޮށްލެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ބައެއް ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނެގިފައިނުވާތީ، އެ މަޢުލޫމާތު ނުދޭ ބިދޭސީންނަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް ފުރުޞަތެއް ދީފައިވެއެވެ.

ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. ސަރުކާރުން މިހާރު ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެކަން އިޢުލާންކުރައްވާފައެވެ. މި ފަޔަވަހީގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވައިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުޞަތެއް ފަހިކޮށްދިނުމުގެ މަސައްކަތެވެ.