ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ އަދި ހދ އަތޮޅަށް ވަޑައިގެންފިއެވެ. އަދި މިދަތުރުގައި 2 އަތޮޅުގެ ޒިޔާރަތްކުރައްވާ ރަށްރަށުގެ ކައުންސިލާ ބައްދަލު ކުރުންވެސް ހިމެނެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ އެއަތޮޅު އުލިގަމާއި ކެލައަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި ކައުސްސިލްތަކުންވަނީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީންތަކާއި، ލުއި ލޯނުގެ ފުރުޞަތުތައް އިތުރަށް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ޙިއްސާކޮށްފައެވެ.
ކެލާ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ އެރަށުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މަޝްރޫއެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވަޒީރު ވަނީ މިދަތުރުފުޅުގައި ދަނޑުވެރިކަން ފުޅާދާއިރާއެއްގައި އެއަތޮޅުގައި ކުރިއަށްގެންދާ މާފައްސަށް ވަޑައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިޔަށްގެންދާގޮތް ބައްލަވައިލައްވާފައެވެ. އެގޮތުން އެރަށުގައި ޤާއިމްކޮށްފައިވާ ގްރީން ހައުސްތަކާއި، ލެބޯޓްރީގެ މަސައްކަތްތައް ބައްލަވައިލައްވައި މަޢުލޫމާތު އޮޅުންފިލުވައިފާވެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުގެ މިދަތުރުފުޅުގެ ތެރެއިން ހދ. އަތޮޅުން އެކަމަނާ މިހާތަނަށް ވަޑައިގެންނެވީ ހަނިމާދޫއަށެވެ. ހަނިމާދޫއަށް ވަޑައިގެން ކާބޯތަކެތީގެ ރަށްކާތެރިކަމަށް ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް، 50 ބަނބުކެޔޮ ގަސް ވެސް ވަނީ މިދަތުރުފުޅުގެ ތެރެއިންވަނީ ހަދިޔާކޮށްފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން އެވުޒާރާއިންދަނީ ކުރަމުންނެވެ.
މީގެ އިތުރުން ރިސޯޓުތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ފަށައިފައެވެ. އަދި ރިސޯޓުތަކުގައި ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ބައްލަވާލައްވާފައެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ރިސޯޓުތަކުން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަން ފާހަގަކުރެވިފައިވާކަމަށެވެ.