ލާމަރުކަޒީ ނިޒާމު އުފެދިގެން އައީ ގޯސްކޮށް ކަމަށާއި އެ ނިޒާމު އިސްލާހު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާގުޅޭގޮތުން މެންބަރުންގެ ޚިޔާލުހޯދުމަށް ގަރާރެއް ހުށަހަޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު އިބްރާހިމް ޝުޖާޢު ހުށަހެޅުއްވި ޤަރާރުގައި ކައުންސިލްތަކުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ އަދަދުތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ޤާނޫނުގައި މިހާރު ބުނާގޮތުން ކޮންމެ ރަށެއްގެވެސް ކައުންސިލްގައި 5 މެންބަރުން ތިބެންޖެހެއެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް މުހިންމު ނިޒާމެއް ނަމަވެސް އެ ނިޒާމު އުފެދިފައިވަނީ ގޯސްކޮށް ކަމަށެވެ. އެނިޒާމު ތައާރަފުކުރެވުނީ އޭރު އޮތް ސަރުކާރާ ދެކޮޅަށް ބަޔަކު ކުރި މަސައްކަތެއްގައި ކަމަށާއި މިހާރު ނިޒާމު އޮތްގޮތުން ކައުންސިލްތަކުގެ މެދުގައި ތަފާތު ކުރުންތައް ގިނަކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަކީ ޤައުމީ ވިސްނުމެއް ކަމަށާއި ސިޔާސީ ވިސްނުން އެއްކިބާކޮށް، ޤާނޫނުގައި ހުރި ބާތައް ބައްދައި އެއް މޭޒެއްގައި އެންމެން ތިބެގެން އިސްލާހު ކުރަންޖެހޭ ކަަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ. އެ ނިޒާމު ހަރުދަނާ ކުރެވޭނީ ކައުންސިލްގައި އޮންނަ ސިވިލް އޮނިގަނޑު އިސްލާހުކޮށްގެން ކަމަށާއި ސިޔާސީ މުވައްޒަފުންނާއި ކައުންސިލަރުންނާއި މެންބަރުންގެ އަދަދުވެސް ލިމިޓް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާގޮތަށް މި ނިޒާމު ވިއްކައިގެން އުޅޭއުޅުން ހިނގާށޭ ނިމުމަކަށް ގެންނަން. އަޅުގަނޑުގެ ގަރާރުގެ ބޭނުމަކީ ހަމައެކަނި އެ ވަގުތަށް ސޮލިއުޝަން ނުހޯދާ މި ނިޒާމު އަޅުގަނޑުމެން ހުރިހާ ޕާޓީތަކުން ޕްރެކްޓިސް ކޮށްފީމޭ. ޕީޕީއެމްގެ ވެރިކަމުގައި ޕްރެކްޓިސް ކޮށްފި. އެމްޑީޕީ ދެ ވެރިކަމުގައި ޕްރެކްޓިސްކޮށްފި. މިއަދު އަޅުގަނޑުމެން މި ހިފީއޭ މި ނިޒާމު ހަރުދަނާކުރަން. މިއަދު ވެރިއަކަށް ހުންނެވީ މި ނިޒާމު ދަންނަ މި ނިޒާމު ތަޖުރިބާ ކޮށްފައި ހުރި ލީޑަރެއް،" ޝުޖާޢު ވިދާޅުވިއެވެ.
މި ގަރާރަށް ތާޢީދު ކުރައްވައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމަކީ ޤައުމަށް އަދި ރައްޔިތުންނަށް އެންމެ މަންފާ ކުރާނެ ގޮތް ކަމަށާއި އެ ޤާނޫނު ރަނގަޅަށް ތަންފީޒު ކުރެވޭނަމަ ރައްޔިތުންނަށް ނަފާވާނެ ކަމަށެވެ. ނަމަވެސް 19ވަނަ މަޖިލީހުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު 3ން 5އަށް ބަދަލު ކުރުމަކީ އިގްތިސާދަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ.
3000 އަށްވުރެ ކުޑަ އާބާދީގެ ރަށްތަކުގައި 3 ކައުންސިލަރުން ތިބުމަކީ އެންމެ ރަނގަޅުގޮތް ކަމަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު 5 އަކަށް މަދުކުރަންޖެހޭ ކަމަށްވެސް މުޙައްމަދު ޢައްބާސް ވިދާޅުވިއެވެ.
"މިއުޅެނީކީ މި ޤާނޫނު މައްސަލައަކަށް ވެގެނެއް ނޫން. ރަށްރަށުގެ ކައުންސިލްތަކަށް ސަރުކާރުގެ މުއައްސަސާތަކުން ކަމާނުހިތާ މައްސަލަ އެންމެ ބޮޑު މައްސަލައަކީ. އަޅުގަނޑުވެސް ގަބޫލުކުރަން 3000 ދަށް އާބާދީތަކުގައި ދޫނިބައިގަނޑެއްހެން 5 ކައުންސިލަރުން ތިބޭކަށް ނުޖެހޭ. 180، 200 މީހުން ތިބޭ ރަށެއްގައި 5 ކައުންސިލަރުން ތިބޭކަށް ނުޖެހޭ،" ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވިއެވެ.
ޝުޖާޢު ހުށަހެޅުއްވި ގަރާރަށް އިދިކޮޅުގެ މެންބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އެގޮތުން، އެ ގަރާރަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ގެއްލުވާލުމަށް ކުރައްވާ މަސައްކަތެއް ކަމަށް އެ މެންބަރުން ވަނީ ސިފަ ކުރައްވާފައެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރަށެއްގެ ވެރިކަން ކުރާނީ ރަށުގެ ރައްޔިތުން އިންތިޚާބު ކުރާ ބައެއްކަން ކަށަވަރު ކުރުމަށް ގެނައި ނިޒާމެއް ކަމަށާއި އިންތިޚާބުކޮށްފައިވާ އެއްވެސް މަގާމަކަށް ބަދަލު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރާއްޖެ އުފެދިފައި އޮތީވެސް ޚަރަދުބޮޑުވާ ގޮތަކަށް ކަމަށާއި ކައުންސިލްތަކަށް މިހާރު ދޭ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުން އައްޔަން ކުރާ އެއްވެސް މެންބަރެއް ޑަބްލިއުޑީސީވިޔަސް ކައުންސިލްވިޔަސް އެހެންގޮތަކަށްވިޔަސް އެހެންގޮތަކަށްވެސް އަދަދު މަދުކުރާކަށް އަޅުގަނޑެއް ތާޢީދެއް ނުކުރަން. އެހެންނަމަވެސް މިއަދުވެސް އެބަތިބި ހެލްތު ސެންޓަރުތަކަށްވެސް ސިޔާސީ ގޮތުން ނާގަފައިވާ ބޭފުޅުން ރަށްރަށުގައިވެސް މަދުކުރަންވީނޫންތޯ ޚަރަދު ކުޑަކުރަން،"
މި ގަރާރަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ލާމަރުކަޒީ ޤާނޫނަށް 15 އަހަރުވިއިރު އެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ އެންމެ ރަނގަޅު އިސްލާހުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށްވެސް ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން އިއްތިފާގުވެއެވެ.