އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާތަކުގެ ބަދަލުގައި އެ ޤައުމުން ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖުން ބުނެފިއެވެ. މިއީ އިރާނުން ޔަހޫދީންނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާއެވެ.
ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދީފައިވާ ޚާއްޞަ ޙަރަކާތެއްގެ ދަށުންނެވެ. ތިން ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި ބައެއް މިސައިލު ޙަމަލާ ދީފައި ވަނީ އީރަނުގެ ސަބްމެރިންތައް ބޭނުން ކޮށްގެންނެވެ. އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނީ މިސައިލް ޙަމަލާ އަމާޒު ކޮށްފައިި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ.
އީރާނުން ދިން މިސައިލު ޙަމަލާގައި ޔަހޫދީންގެ 20 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ޙަމަލާގައި ޔަހޫދީ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ. ޔަހޫދީން ވަނީ އީރާނުން ދިން މިސައިލު ޙަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފައެވެ. އަދި އާންމުން ރައްކާތެރި ބިނާތަކުގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.
އީރާނުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދީފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ޝަހީދު ކޮށްލައިފައިވަނިކޮށެވެ. މި ޙާލަތުގައި ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަރުގަދަ ޙަމަލާތައް ދިނުމަކީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ.
އީރަނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޚާމަނާއީ ވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދަ ޙަމަލާތައްދީ ނިކަމެތި ކޮށްލާނެ ކަމަށް ބުނެފައެވެ. އަދި ޒަޔަނިސްޓުންނަށް އެ މީހުންގެ ޖަރީމާތަކަށް ފަހު މި ފަހަރު ސަލާމަތް ނުވެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެ ކަމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވައި އޭނާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކަށް އީރާނުން ފުރިހަމައަށް ރައްދު ދޭނެ ކަމަށެެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ޔަހޫދީންނަށް ޙަމަލާދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.