އީރާނުގެ ރޫހީ އެންމެ އިސް މުޝީރުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަނުކޮށްފައިވީނަމަވެސް، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް އެ ޤައުމުން ގެންގުޅޭ ސިޔާސަތަށް މާބޮޑު ބަދަލެއް އަންނާނެކަމަށް ޤަބޫލުނުކުރައްވާކަމަށް، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި އޭރު ހުންނެވި އާޔަތުالله ޢަލީ ޚާމަނާއީއާއި އޭނާގެ ޢާއިލާއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ވަނީ ޝަހީދުވެފައެވެ.
އާޔަތުالله ޢަލީ ޚާމަނާއީ ވަނީ 2000ވަނަ އަހަރުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް ފަތުވާއެއް ނެރުއްވައިފައެވެ.
ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަނުކޮށްފައެވެ.
ނަމަވެސް، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން މުޖުތަބާގެ ވިސްނުންފުޅު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ ޙަޤީޤީ މަޤްޞަދަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުންކަމަށް އެމެރިކާ އާއި ޔަހޫދީންގެ އިތުރުން ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އަބަދުވެސް ތުހުމަތުކުރެއެވެ. ނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ޕްރޮގްރާމްގެ ބޭނުމަކީ މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުން ކަމަށެވެ.
އަލްޖަޒީރާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޢަރާޤްޗީ ވިދާޅުވީ، ނިއުކްލިޔަރ ހަތިޔާރާ ގުޅޭގޮތުން އައު ރޫހީ ވެރިޔާ މުޖުތަބާގެ ވިސްނުންފުޅު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، މިހާރު އޮތް ސިޔާސަތަށް މުޖުތަބާ މާބޮޑު ބަދަލެއް ގެންނަވާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގެ ދިފާޢުގައި އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމުގައި ގަލްފުގެ ޤައުމުތަކުން ޙާއްޞަ އުޞޫލެއް އެކުލަވައިލަންޖެހޭކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ.
މިގޮތުން، އީރާނާއި މުޅި ސަރަޙައްދުގެ މަސްލަޙަތު ހިމާޔަތްކުރެވޭފަދަ ގޮތަކަށް އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ތަބާވާންޖެހޭ އުޞޫލުތަކާއި ޝަރުތުތަކެއް އެކުލަވާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގޮވާލައްވައިފައެވެ. ނަމަވެސް، އެކަމަށް އިޖާބަދޭން ޤައުމުތަކުން ވަނީ ފަސްޖެހިފައެވެ.
އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުގައި ގަލްފުގެ ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެ ޤައުމުތަކުގެ މީހުން ދިރިއުޅޭ ބައެއް ސަރަޙައްދުތަކަށް އީރާނުން ދީފައިވާ ޙަމަލާތައް ޢަރާޤްޗީ ސާފުކޮށްދެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ޤައުމުތަކުގެ މީހުން ދިރިއުޅޭ ބައެއް ސަރަޙައްދުތަކަށް ޙަމަލާދޭން މަޖުބޫރުވީ، އެމެރިކާ ސިފައިން އެ ސަރަޙައްދުތަކަށް ބަދަލުކުރުމުން ކަމަށެވެ.
އެ ޙަމަލާތަކާ ގުޅިގެން ގަލްފުގެ ޤައުމުތަކުން އީރާނާ ދެމެދު އޮތް ހިތްހަމަނުޖެހުންތައް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް، މި ހަނގުރާމައިގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ.