ޚަބަރު

23 އަހަރުގެ ޚިދުމަތުން ލިބުނު ފައިސާއިން ދެމަފިރިން ޙައްޖަށް


  • ދެމަފިރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރީ އަމިއްލަ މަސައްކަތުން

  • 9 ދަރިން ބޮޑޫކުރީ ރިވެތި ތަރުބިއްޔަތާއެކު

  • ސަޢުދީ ދޫކޮށް ފުރީ އަދި އެއްފަހަރު އައުމުގެ އުންމީދު އައުކުރަމުން

ގއ. ކަނޑުހުޅުދޫ، ޕީޖީ، އުމުރުން 70 އަހަރުގެ މުޙައްމަދު ހުސައިނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަޒީފާ އަދާކުރަމުން އައި ހީވާގި މުވައްޒަފެކެވެ. 9 ދަރިންނާއި ދުރުގައި ވަޒީފާއަދާކުރަމުން އައީ ދަރިންނަށް ކިޔަވައިދީ ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށެވެ.

މުޙައްމަދު ހުސައިން ވަޒީފާ އަދާކުރަމުން އައިއިރު ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން އައީ ލޯބިވާ އަނބިމީހާ ވަހީދާ ޙަސަނެވެ.

"ބޭބެއަށް ދަރިން ރަނގަޅު ތަރުބިއްޔަތުގައި ބޮޑުކުރުމުގެ އެންމެ ބޮޑު އަސްލަކީ ބޭބެގެ އަންހެނުން. ބޭބެއަކީ ރަށުން ބޭރުގައި އުޅޭ މީހެއް. ލާރިހޯދަން. އަދި މިވީހާތާކަށް ކުއްޖަކު ނުބައި ގޯޅިއަކުން ނާޅާ. ކުދިވެރިން އެހުރި ހިސާބަށްދެވުނީ އެކުދިވެރިންގެ މަންމަ ކުރި ހިތްވަރާއި މިންނަތުން. އެހެންވީމަ އެކުދިންގެ މަންމައަށް ފަށްފަށުން ތަޢުރީފްކުރަން. ކުދިންގެ މަންމަ ވަހީދާ ހަސަނަށް ވަރަށް ބޮޑު ޝުކުރު އަދާކުރަން." އަނބިމީހާއަށް ތަޢުރީފްކުރަމުން މުޙައްމަދު ޙުސައިން ކިޔައިދިނެވެ.

އެއަރޕޯޓުގެ ވަޒީފާގައި 23 އަހަރު ހޭދަކުރުމަށްފަހު 2020 ވަނަ އަހަރު ވަޒީފާއިން ރިޓަޔަރކުރިއެވެ. އަދި މުޙައްމަދު ހުސައިންގެ ފަރާތުން ކުންފުންޏަށް ލިބުނު ޚިދުމަތުގެ ހަދިޔާއަކަށް އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ ލިބުނެވެ. މި ހަދިޔާ ލިބުމާއެކު މުޙައްމަދު ހުސައިން ނިންމީ ފައިދާހުރި ކަމަކަށް މިފައިސާ ހޭދަކުރުމަށެވެ.

"އަޅުގަނޑު ހިތަށް އެރީ ކޮންމެ ގޮތެއްވިޔަސް މިޔަށް ފައިދާހުރިގޮތަކަށޭ ވިސްނާނީ. 2020 ގެ ޖަނަވަރީގަ 1ގައި ރިޓަޔަރވީ. ފެބުރުއަރީ 6ގައި އަޅުގަނޑުގެ ދޮށީ ދަރިފުޅު ގޮވައިގެންގޮސް ޙައްޖު ކޯޕަރޭޝަނަށްގޮސް އަޅުގަނޑާއި އަޅުގަނޑުގެ ދެމަފިރިންނަށް ޙައްޖަށްދާން ފައިސާކޮޅު ދެއްކީ." ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރަމުން އައި އުންމީދާއި ކުރި މަސައްކަތް ހިއްސާކުރަމުން ކިޔައިދިނެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު އިންތިޒާރުކުރަމުން އައީ ޙައްޖަށް ދިޔުމުގެ ނަސީބު ލިބޭނެ ދުވަހަކަށެވެ. ކުޑައިރުއްސުރެ މުޙައްމަދު ހުސައިން އުންމީދުކުރަމުން އައީ މާތްވެގެންވާ މައްކާގެ ބިމުގައި ފައިޖައްސާލާ ޙައްޖުގެ އަޅުކަން އަދާކުރުމަށެވެ.

ލޯބިވާ އަނބިމީހާއާއެކު ޙައްޖުގެ އަޅުކަން އަދާކުރުމަކީވެސް މުޙައްމަދު ހުސައިން ދެކެމުން އައި ހުވަފެނެކެވެ. ފައިސާ ދެއްކިތާ 5 އަހަރު ފަހުން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުނުކަމުގެ ޚަބަރާއެކު ރޮއްވާލިއެވެ.

ކޮންމެއަކަސް މުޙައްމަދު ހުސައިންގެ ދެމަފިރިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބި މާތްވެގެންވާ މައްކާގެ ބިމަށް އާދެވުނީއެވެ. ކައުބަތުﷲ ގެފުޅު ހަމަލޮލަށް ފެނުމާއެކު މުޙައްމަދު ހުސައިންގެ ދެލޮލުން ކަރުނަ އޮހިގެންދިޔައެވެ.

"ހަމައަލަށް މިއައީ. ގެފުޅުފެނުނީނަމަ ގިސްލާފަ ހަމަ ރޮވުނީ. އަޅުގަނޑުމެންނަށް އެފަދަ ފުރުޞަތެއްލިބި ގެފުޅު އަޅުގަނޑުމެންގެ ހަމަލޮލަށް އެ ބިމުން ފެނުނީމަ ހަމަ ގިސްލާފަ ރޮވުނީ. އަރަފާތު ދުވަހު ދެން ކީކޭ ބުނާނީ. ހިތަށް އިހުސާސްވެސް ނުކުރެވޭ އަސަރުތަކެއްކުރި. ދުވަހަކުވެސް ހިތަށް ނާރާ އަޅުގަނޑުމެންނަށް އެ ބިމުގައި ފައި ޖެއްސިދާނެއެކޭވެސް. ﷲ އިރާދަފުޅައި މިންވަރުފުޅުން ބޭބެ ކުރި މަސައްކަތުން ބޭބެގެ ދެމަފިރިންނަށް އެ ހިސާބަށް ކަނޑައްތުކުރެވުނީތީ ވަރަށް އަސަރުކުރި. އެދުވަހަކީވެސް ވަރަށް އަސަރުކުރި ދުވަހެއް. އުފާވީވަރުން އަޅުގަނޑަށް ގަދަޔަށް ރޮވުނު." ލޮލުން އޮހުރުނު ކަރުނައާއެކު އެދުވަހުގެ ހަނދާންތައް އައުކުރަމުން ގިސްލަމުން މުޙައްމަދު ޙަސަން ކިޔައިދިނެވެ.

މުޙައްމަދު ހުސައިންގެ ދެމަފިރިން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ފުރައިގެން އެދަނީ އަވަސް މުސްތަޤުބަލެއްގައި އަނެއްކާވެސް މައްކާގެ ބިމަށް އައުމުގެ އުންމީދާއެކުއެވެ. އަދި އެއްފަހަރު މާތްވެގެންވާ މައްކާގެ ބިމުގައި ފައިޖެއްސޭތޯ ބެލުމެވެ. މައްކާއާއި މަދީނާ ދޫކޮށް މުޙައްމަދު ހުސައިންގެ ދެމަފިރިން ފުރަނީ ބަރު ހިތަކާއެކުގައެވެ.

"ޙައްޖުވެގެން އައިސް އަޅުގަނޑުމެން ދެމަފިރިން ހިތުގެ އަޑިން އަޒުމް ކަނޑައެޅިން އަދިވެސް އެއްފަހަރު މި ބިމުގައި ފައިޖެއްސޭތޯ ބަލަން މަސައްކަތްކުރުން. އެއީ ޢުމްރާއަކަށްނަމަވެސް." ބޭބެގެ އުންމީދުތައް ކިޔައިދެމުން ބުންޏެވެ.

މުޙައްމަދު ހުސައިންގެ ދެމަފިރިންގެ އުންމީދުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށް އެހީތެރިވެދިނީތީ ޙައްޖު ޖޯޕަރޭޝަނާމެދު ހިތުގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ.

"މި ދަތުރަކީ މީހުން ކިޔައިދިންގޮތާ މުޅިން ތަފާތު. ޙައްޖު ކޯޕރޭޝަނުން ދެމުން އައި ޚިދުމަތްވެސް މީހުން ކިޔައިދިންގޮތާއި ބުނި ގޮތާއިި ތަފާތު. ޚިދުމަތް ވަރަށް ރަނގަޅު. އަޅުގަނޑުމެން ދެމަފިރިންނަށް ﷲގެ ރަހުމަތުން މިފަދަ ނިޢުމަތެއް ލިބުނީތީ ވަރަށް އުފާކުރަން. ވަރަށް ޝުކުރުވެރިވަން." މުޙައްމަދު ޙުސައިންގެ ހިތުގެ ޝުކުރު ހިއްސާކުރަމުން ކިޔައިދިނެވެ.