ޚަބަރު

ޞިއްޙީ ދާއިރާއާ ގުޅޭ ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ނިންމައިފި


  • މިފަދަ ކެމްޕެއިނެއް މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުން

ޞިއްޙީ ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ހިންގާ ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ، (އައި.ޔޫ.އެމް) އާއި ޞިއްޙީ ވުޒާރާއިން ގުޅިގެން، ޞިއްޙީ ދާއިރާއާއި ގުޅޭ މުހިންމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ކެމްޕެއިނެއް ފެށުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިފަދަ ކެމްޕެއިނެއް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުމެވެ. އެގޮތުން، ލޭ ހަދިޔާކުރުން ފަދަ އާންމު ޞިއްޙަތާއި ގުޅުން ހުރި މުހިންމު މަޢުލޫމާތުތައް މިކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ޙިއްސާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، އައިޔޫއެމްގެ އިތުރުން އެފަދަ މަތީ ތަޢުލީމު ފޯރުކޮށްދޭ އެހެނިހެން މަރުކަޒުތައް މެދުވެރިވެ، މި ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޞިއްޙީ ދާއިރާއާއި ގުޅޭ މުހިންމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށްގެން ކެމްޕެއިން ފެށުމަށް ބޭއްވެވި ބައްދަލުވުމުގައި، ޞިއްޙީ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ.ޢަލީ ޒާހިރު އާއި، ޑީން އޮފް ސްޓޫޑަންޓްސް، ޢަބްދުލް ހަފީޒް ޚާލިދް އަދި ޕްރެޒިޑެންޓް އޮފް ސްޓޫޑަންޓް ޔޫނިއަން، ހުސައިން އަރުބާން ފަވާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.