މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަމުން އަންނަ ދިވެހިންގެ ތެރެއިން ދަރިއަކަށްޓަކައި ޤުރުބާން ވަމުން އަންނަ މަންމައަކު ފެނުމުން ތަފާތު އިހުސާސްތަކެއް އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމަށް ދަރިފުޅުގެ އަތުގައި ހިފައިގެން ހުރިހާ ތަނަކަށް ދިޔަ އެމަންމަ ފެނުމުން ވާހަކަދައްކާލަން ބޭނުންވިއެވެ. ދަރިފުޅުގެ އުމުރުން 42 އަހަރެވެ. މަންމަގެ އުމުރުން 67 އަހަރެވެ.
ދަރިފުޅަށް ޚިދުމަތްކުރުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަަންނަ އެ މަންމަގެ ހުރިހާވެސް މަޤްޞަދަކީ ދަރިފުޅަށް މަބުރޫރު ޙައްޖެއް ހޯދައިދިނުމެވެ. އެ ދަރިފުޅުގެ ނަމަކީ ރާޝިދާ ނަޢީމެވެ.
ރ. މީދޫއަށް އުފަން އުމުރުން 42 އަހަރުގެ ރާޝިދާ ނަޢީމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. އުފަންވީއިރު ރާޝިދާގެ ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. ރާޝިދާގެ މަންމަގެ 11 ދަރިންގެ ތެރެއިން ރާޝިދާއަކީ 4 ވަނަ ދަރިފުޅެވެ.
ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ކުއްޖަކަށްވިޔަސް ރާޝިދާއަކީ އުފަލުގައި އުޅޭ ޢިލްމީ ކުއްޖަކަށް ހެދުމަކީ ރާޝިދާގެ މަންމައާއި ބައްޕަގެ އެންމެ ބޮޑު ހުވަފެނެވެ. މިއަދު ރާޝިދާއަކީ ޤުރުއާން ކުލާހެއްގައި އޮންލައިންކޮށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ޤުރުއާން ހިތުން ދަސްކުރުމުގެ މާތް މަސައްކަތުގައި ރާޝިދާ އަންނަނީ ކާމިޔާބީ ހާސިލުކުރަމުންނެވެ. ކީރިތި ޤުރުއާނުން 23 ފޮތް މިހާރުވަނީ ހިތުން ދަސްކޮށްފައެވެ.
"މިހާރު ގުރުއާން ކްލާހެއްގަ އުޅޭތީ ގިނަވަގުތު ދެން ގުރުއާން ކިޔެވުމުގައި ހޭދަކުރަނީ." ރަށުގައި ގިނަވަގުތު ހޭދަކުރާގޮތް ކިޔައިދެމުން ރާޝިދާ ބުންޏެވެ.
ރާޝިދާގެ މައިންބަފައިން އަބަދުވެސް މަސައްކަތްކުރަމުން އައީ ރާޝިދާގެ އުންމީދުތައް ހާސިލުކޮށްދިނުމަށެވެ. އެގޮތުން ރާޝިދާ އެންމެ ބޭނުންވީ މާތްވެގެންވާ މައްކާގެ ބިމަށް އައިސް ޙައްޖުގެ އަޅުކަން އަދާކުރުމަށެވެ. އެހެންކަމުން ރާޝިދާގެ ބައްޕަ ރެއާއިދުވާލު މަސައްކަތްކުރީ ރާޝިދާގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ފައިސާ އެއްކުރާށެވެ.
ބައްޕަގެ ބުރަ މަސައްކަތުން 2020 ވަނަ އަހަރު ރާޝިދާ ޙައްޖަށް ދިޔުމަށް ފައިސާ ދެއްކިއެވެ. ނަމަވެސް ރާޝިދާއަކީ އެކަނި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ ދަރިއަކަށް ނުވާތީ މަންމައާއި ބައްޕަވެސް ރާޝިދާޔާއެކު ޙައްޖަށް ދިޔުމަށް ފައިސާ އެއްކުރުމަށްފަހު ފައިސާ ދެއްކިއެވެ.
ޙައްޖު ކިޔު ތަރުތީބުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ރާޝިދާޔާ ރާޝިދާގެ މަންމަޔާއި ބައްޕައަށް ލިބުނެވެ.
"އަޅުގަނޑުމެން ބޭނުންވީ ރާޝިދާއަށް ޙައްޖަކާ ޢުމްރާއެއް ކޮށްދެވޭތޯ. އެހެންވެގެން މަސައްކަތް ފެށީ. ފުރަތަމަ ޢުމްރާކޮށްދީފައި ބެލީ ދެން ޙައްޖުކޮށްދެވޭތޯ. އަބަދުވެސް ބޭނުންވަނީ ރާޝިދާ އުފާކޮށްދޭން." ރާޝިދާ އުފަލުގައި ބެހެއްޓުމަށް ކުރާ މަސައްކަތް ކިޔައިދެމުން ރާޝިދާގެ މަންމަ ބުންޏެވެ.
ރާޝިދާ ދެކެ އިންތިހާޔަށް ލޯބިވާ މަންމަގެ އަތުގައި ހިފައިން ޙައްޖުގެ އަޅުކަންތައް އަދާ ކުރެވުމަކީ މިއަދު ރާޝިދާއަށް ލިބޭ އެންމެ ބޮޑު ނަސީބެވެ. އެންމެ ތުއްތު ދުވަހު ދަރިފުޅު ގެންގުޅުނު ފަދައިން އެހާ ލޯބިން ރާޝިދާގެ މަންމަޔާއި ބައްޕަ މިއަދުވެސް ރާޝިދާގެ ކަންކަން ކޮށްދެއެވެ.
"ވަރަށް ބޮޑުވިފަހުން ރާޝިދާއަށް ހިނގުނީވެސް. ވަރަށް މަސައްކަތްކޮށްގެން. ބިރުގަންނަނީ. ބެހެއްޓިއަސް ރޯނެ. އެކަނި ނުހުންނާނެ. ދެން ކޮންމެސް މީހެއްލައްވާ ތެޔޮ އުނގުޅައި އެކަހަލަ ކަންކަން ކޮށްގެން ހިނގުނީވެސް. ދެން ވަރަށް ރޯނެ. ނުވެސް ނިދާނެ ރޭގަނޑަކަށް. ދުވާލު ކުޑަކޮށްވެސް ނިދާނީ. މިހާރުވެސް އެގޮތަކަށް އުޅޭނީ. ރޭގަނޑަށް ވަރަށް ނުނިދާނެ." ރާޝިދާގެ މަންމަ ކިޔައިދިނެވެ.
ރާޝިދާއަށް މިއަދު އޮތް އެންމެ ބޮޑު އުފަލަކީވެސް އަދި ހިތްހަމަޖެހުމަކީވެސް ޙައްޖުގެ އަޅުކަން އަދާކުރެވުމެވެ. އެއީ ރާޝިދާ އަބަދުވެސް ކުރަމުން އައި އުންމީދު ހާސިލުވުމުންނެވެ.
"ދެން ވަރަށް އުފާވެފަ މިހުރީ. ދުވަހަކުވެސް ނުލިބޭވަރުގެ ހިތްހަމަޖެހުމެއް ލިބިފަ މިހުރީ." ވަރަށް އުފަލާއެކު ރާޝިދާ ބުންޏެވެ.
ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ދިގު ދަތުރުތަކާއި އެންމެހާ މަނާސިކުތައް އަދާކުރުމުގައި ރާޝިދާގެ އަތުން އެމަންމަ އަތް ދޫކޮށް ނުލައެވެ. ބޭނުމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ އެދަރިފުޅުގެ އެންމެ ބޮޑު ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމެވެ.