ޚަބަރު

ސަޢޫދީން މިއަހަރު ދިވެހި ޙައްޖާޖީންނަށް އަދާކުރި ފުރިހަމަ މެހެމާންދާރިއަށް ރައީސްގެ ޝުކުރު


  • ރައީސް ވަނީ ސަޢޫދީ ރަސްގެފާނާއި ވަލީއަހުދަށް ޝުކުރު އަދާކުރައްވާފައި

  • މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖާޖީންގެ ދަތުރުފަތުރަށް ލުއިތަކެއް ލިބިފައިވާކަން ފާހަގަކުރެއްވި

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖޭން ދިޔަ ޙައްޖާޖީންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އަދާކުރި ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސަޢުދީ ސަރުކާރުގެ ޚާއްސަ ދަޢުވަތަކަށް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް އެ ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފައިވާއިރު އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރު ޑރ. ތައުފީގް ބިން ފައުޒާން އަލް ރާބިޢާ ވަނީ އެމަނިކުފާނުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ޙައްޖާޖީންނާމެދު ސަޢޫދީ ސަރުކާރުން ބާއްވާ ގާތްކަމާއި ދެއްވާ ފުރިހަމަ ޚިދުމަތަށް އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ސަޢުދީގެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖޭ ހިމެނުމަކީ ރާއްޖޭން ޙައްޖަށްދާ ފަރާތްތަކުގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވައި ސަޢުދީ ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން، ރާއްޖެއާއި ސަޢުދީއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދުވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.